ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑީއެންއާރުން ޕޮޒިޓިވްވެފައި ވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އަދި އޭނާ ޕޮޒިޓިވް ކަން އެނގިފައި ވަނީ މިއަދު ޑިއުޓީއަށް ގޮސް ހުއްޓާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން މިހާރު ޑީއެންއާރުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.

މި ޕޮޒިޓިވް ކޭސްއާއެކު ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި ތަން ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހިދުމަތް ދޭން ފަށާނެއެވެ.

އައިޑީކާޑުގެ ހިދުމަތް ފޯރުކޮށްދޭ ޑީއެންއާރުގެ ހިދުމަތްތައް މެދުކަނޑާލި އިރު، އެތަނުގައި ހިދުމަތް ހޯދަން ގިނަ ބަޔަކު ތިބި ކަން ފާހަގަ ކުރެވެއެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ވެސް ބޭނުންވާ ހިދުމަތްތައް އެކި ތަންތަނުން ފޯރުކޮށްދިނެވެ. ނަމަވެސް ނިއު ނޯމަލްއާއެކު އެކި އިދާރާތަކުންނާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ވަނީ މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބަލައި ނުގަންނަން ނިންމާފައެވެ.

އެހެންކަމުން، އައިޑީކާޑު މުއްދަތު ހަމަވެ، އާ އައިޑީކާޑު ނުހެއްދި ތިބި ފަރާތްތަކަށް އެކި އެކި ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.

ޑީއެންއާރުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާއިރު، ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ބޮޑުތަނުން ގިނަ ވެފައިވާއިރު، ފާއިތުވި 3 ދުވަހު ވެސް ޕޮޒިޓިވް ކޭސްތައް އުޅުނީ 100 އިން މަތީގައެވެ. އެކަމާ ހެދި މާލެ ސަރަހައްދުގައި ވަނީ ކާފިއު އިއުލާންކޮށް، ރަސްމިއްޔާތުތަކާއި ޕާޓީތައް އަދި އެހެނިހެން އެއްވުންތައް ބޭއްވުން މަނާކޮށްފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުގައި ތިބުމަށްފަހު ރާއްޖެ އަންނަ މީހުން ވެސް ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ.