ޗައިނާގައި ރަން ނަގާ މައިނެއްގައި 2 ހަފުތާއެއްހާ ދުވަހު ތާށިވެފައި ތިއްބާ ހަމަ ބިމަށް ނެގި 2 މީހުން، ސަލާމަތް ވާން ކުރި މަސައްކަތް، މީޑިއާއާ ހިއްސާކޮށްފިއެވެ.

މައިންގައި އެއްޗެއް ގޮވާ، ނިކުމެވެން އޮތް މަގު ބަންދުވެ، އެ ތަނުގައި ތާށިވި މީހުން ސަލާމަތް ކުރުމަށް ދިޔަ ރެސްކިއު ޓީމަށް މި 2 މީހުން ތިބި ސަރަހައްދު އަންގައިދެމުން ދިޔައީ ހޮޅިއެއްގައި ތަޅައިގެން ކަމަށް އެ މީހުން ބުނެއެވެ.

ޗައިނާގެ ޝޭންޑޮންގް ޕްރޮވިންސްގައި މިމަހުގެ 10 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން މައިންގައި ތާށިވި މީހުންގެ ތެރެއިން 11 މީހަކު ވަނީ ދިރިހުއްޓާ ސަލާމަތް ކޮށްފައެވެ. މި 2 މީހުން ހިމެނެނީ އެ 11 މީހުންގެ ތެރޭގައެވެ. 22 މީހުންގެ ގުރޫޕަކުން މައިންގައި މަސައްކަތް ކުރަމުން ދިޔައިރު 9 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އިތުރު މީހަކު މަރުވީ ހުސްވި ހަފުތާ ތެރޭގައެވެ. އޭނާ މަރުވީވެސް މައިން ތެރޭގައި، ކޯމާއެއްގައި އޮވެއެވެ. ވީނުވީ އެއް ނޭނގޭ އެކަކު ހޯދުމުގެ މަސައްކަތް، ރެސްކިއު ޓީމުން އަދިވެސް ދަނީ ކުރަމުންނެވެ.

"ޝާފްޓު ތޮރުފާ އަޑުއިވެން ފެށި. އެއަޑު އަހަރަމެންނާ ކައިރިވާކަން އެނގޭ. އަހަރަމެން އެންމެނަށް ތެދުވެވުނު. ވަރަށް އުފާވި. އެ އިހުސާސްތައް ކިޔައިދޭކަށް ނޭނގޭ" ހޮސްޕިޓަލު އެނދުގައި އޮވެ، ޑޫ އާން ނަމަކަށް ކިއާ މީހަކު، ޗައިނާގެ ދައުލަތުގެ މީޑިއާއަށް ކިޔައިދިނެވެ. މިއީ މައިނުން ބޭރަށް ނިކުމެ އެ މީހުން ދިން ފުރަތަމަ އިންޓަވިއުއެވެ.

ޖެނުއަރީ 17، 2021 ވަނަ ދުވަހު ޗައިނާގެ މައިނުން މީހުން ސަލާމަތް ކުރި ޑޫ އާން މީޑިއާއަށް އިންޓަވިއު ދެނީ / ފޮޓޯ: ސީސީޓީވީ

މައިންއިން ސަލާމަތްވި ވޭންގް ކޭންގް ނަމަކަށް ކިއާ މީހަކު ބުނީ، އެމީހުން ތާށިވެފައި ތިބީ ބިމުގެ 600 މީޓަރު އަޑީގައި ކަމަށާ، އެއީ ބިރުވެރި ކަމެއް ކަމެއް ކަމަށެވެ.

ވީ ނުވީއެއް ނޭނގި، މައިންގައި ބާރުގަދަ ގޮވުމެއް ގޮވާ، 600 މީޓަރުގެ މައިނަށް ފޭބެން އޮތް ޝާފްޓްގެ މަގު ބަންދުވީ އިރު، 22 މީހުން މަސައްކަތް ކުރަމުން ދިޔައީ މައިންގެ އެކި ހިސާބުތަކުގައެވެ. މުއާސަލާތީ ހިދުމަތްވެސް މެދުކެނޑުނީއެވެ.

ހާދިސާ ހިނގި ވަގުތުގެ ވާހަކަތައް ކިޔައިދެމުން ވޭންގް ބުނީ އޭނާ ހުރީ ގޮވި ގޮވުމާ ވަރަށް ދުރުގައި ކަމުން މާ ސާފުކޮށް ނުފެންނަ ކަމަށެވެ. ނަމަވެސް ރައްކާތެރި ކަމުގެ ގޮތުން އަޅައިގެން ތިބި ހެލްމެޓްތަކުގައި ރެނދުލި ކަމަށް ވޭންގް ބުންޏެވެ. އިތުރު މީހުން ކޮބައިތޯ ބެލުމުގެ މަސައްކަތް ފެށީ އެހާ ހިސާބުން ކަމަށްވެސް ވޭންގް ބުންޏެވެ.

ވޭންގް އާ ޑޫ ހިމެނޭ ގޮތަށް 11 މީހުން ތިބީ ސަލާމަތް ވާނެ ވަގުތަކަށް ކެތްމަދުވެފައެވެ. ހާދިސާއެއް ހިނގައިގެން އުޅޭ ކަން، އެމީހުން މަސައްކަތް ކުރާ ކުންފުނިން، ކަމާ ބެހޭ ފަރާތްތަކަށް އެންގި ކަމަށް ވަނީ، އެ ކަމެއް ވީތާ 30 ގަޑިއިރު ފަހުންނެވެ. ކާއެއްޗެއް ނެތި މައިންގައި ތިބީ ހަމައެކަނި ފެންފޮދަކުން ފުއްދާލައިގެންނެވެ.

"މައިންގައި ފުދޭ ވަރަކަށް ފެން އޮވޭ. އެކަމަކު އެއީ ބޯން އެކަށޭ ފެނެއް ނޫން. އެހެންވެ ވަރަށް ކުޑަ އެތި ފޮދެއް ބޯލަނީ. ކިރިއާ ދިރިހުރެވޭ ވަރަށް" ޑޫ ބުންޏެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދިޔަ ޓީމުތަކަށް، މައިންގައި މީހުން ސަލާމަތުން ތިބިކަން އެނގުނީ ޝާފްޓަށް ތިރިކުރި ވަލަކަށް ބާރުވާން ފެށި ހިސާބުން ކަމަށް ފުރަތަމަ ރިޕޯޓްތައް ބުނި ކަމުގައި ވީ ނަމަވެސް، މައިންގައި ބަޔަކު ދިރިތިބިކަން ރެސްކިއު ޓީމަށް އެނގުނީ، ހޮޅިއެއްގައި ތަޅާ އަޑުން ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ވަނީ ރިޕޯޓް ކޮށްފައެވެ.

މައިންގައި ތާށިވެގެން ތިބެން ޖެހުނު ކޮންމެ ދުވަހަކު މީހަކު ދިޔައީ މައިން އިން ހަމަ ބިމަށް ތޮރުފައިގެން ލައްވާފައިވާ ހޮޅިތަކުގައި ތަޅަމުން ކަމަށް ވެއެވެ.

އެއީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހެވެ. ހަމަބިމަށް އަޅާ ފައިވާ ހޮޅިއެއްގައި، ވޭންގް 5 ފަހަރަށް ޖެހިއެވެ. އެއީ ބައިބަޔަށް ބަހާފައިވާ އެ މައިންގެ 5 ވަނަ ބައިގައި އެ މީހުން ތިބިކަން އަންގައިދިނުމަށެވެ.

އުފާވެރިކަމުގެ އަޑު އައީ ދެނެވެ. ވޭންގަށް އިޖާބަ ދިނުމުގެ ގޮތުން، ރެސްކިއު ޓީމުންވެސް ހޮޅީގެ އަނެއް ކޮޅުގައި ތަޅަން ފެށިއެވެ. ރެސްކިއުޓީމުން 20 ފަހަރު ހޮޅީގައި ޖެހި ކަމަށާ، ނަމަވެސް އެ ބުނި އެއްޗެއް އޭނާއަށް ދޭހަ ނުވި ކަމަށް ވޭންގް ބުންޏެވެ. އެހެން ކަމުން، މައިންގައި ދެން ތިބި މީހުންނާ މަޝްވަރާކޮށް، އެއީ މައިންގައި ތިބި މީހުންގެ އަދަދު ކަށަވަރު ކުރުން ކަމަށް ނިންމާ، 22 ފަހަރު ހޮޅީގައި ޖެހިއެވެ.

ރެސްކިއު ޓީމުން މައިންއަށް އިތުރު ޝާފްޓެއް ތޮރުފިއެވެ. ކާބޯތަކެއްޗާއި، ބޭހާއި، ކަރުދަހާއި ފަންސޫރު ފަދަ ތަކެތި ފޮނުވީ މި މަގުންނެވެ. ވޭންގްއާއިއެކު ތިބި 11 މީހުންގެ އިތުރުން 12 ވަނަ މީހަކު އަދި އެއަށްވުރެ އަޑީގައި ވީ ކަން އެނގުނީ، މިގޮތަށް ވަލެއްގައި ޖަހައިގެން ފޮނުވި މެސެޖަކުންނެވެ. މާ ލަހެއް ނުވެ ފޯނުގެ ހިދުމަތްވެސް ދޭން ފެށިއެވެ.

12 ވަނަ މީހާއާ ގުޅުން ކެނޑުނެވެ. އަދި 11 މީހުންގެ ތެރެއިން އެކަކު ކޯމާއަކަށް ގޮސް މަރުވިކަން ކަށަވަރު ކުރެވުނެވެ. ގޮވުމުގެ ތެރޭގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފައެވެ.

މައިންއިން މީހުން ސަލާމަތް ކުރުމަކީ ދިގުދެމިގެންދާ މަރުހަލާއެކެވެ. ނަމަވެސް ކަން ދިމާވި ގޮތުން، ޝާފްޓުން ނިކުމެވެން އޮތް މަގުގައި ތާށިވެފައި އޮތް ބޮޑު ހިލަގަނޑެއް އެތަނުން ނައްޓައިގެން ގޮސް މައިންގެ އެންމެ އަޑިއަށް ވެއްޓުނެވެ. 11 މީހުންނާ ހިސާބަށް ވާސިލުވުމަށް ރެސްކިއު ޓީމުން މަސައްކަތް ފެށިތަނާހެން، އެހެން ހިސާބެއްގައި ތާށިވެފައި ހުރި މީހަކުވެސް ފެނުނެވެ.

މައިން ތެރެއިން މީހުން ނެރެމުން ދިޔައީ ކަނު ބަންނަ އުސޫލުން ލޯމަތި ނިވާ ކޮށްގެންނެވެ. އެއީ ކަނު އަނދިރީގައި 2 ހަފުތާއެއް ހޭދަ ކުރުމަށްފަހު އިރު އަތްވަށް ކުއްލި ގޮތަކަށް ހުށަހެޅުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ.

ގަޑިއެއް ހާއިރު ފަހުން މައި ގުރޫޕުވެސް ހަމަ ބިމަށް ނެގިއެވެ. ގިނަ މީހުން ނިކުތީ ހިނގާފައެވެ. ރެސްކިއު ޓީމުގެ މެމްބަރުންގެ އެހީއާ އެކުގައެވެ.