އިގުތިސޯދީ އަނދަވަޅެއްގެ ތުންފަތް މައްޗަށް މުޅި ދުނިޔެ ވައްޓާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ރާއްޖެއަށް އަނެއްކާވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ބޯޑުން ނިންމައިފިއެވެ.

މި ކަން ހާމަކޮށް ވޯލްޑް ބޭންކުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ނާޒުކު ހާލަތުގައި ތިބި މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކަށް ކޮވިޑް-19ގެ ކާރިސާގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ތަކުލީފުތައް ކުޑަކޮށް، އެކަމުން އަރައިގަތުމަށް، މާލީ އެހީގެ ގޮތުގައި، އިތުރު 21.6 މިލިއަން ޑޮލަރު، ރާއްޖެއަށް ހަމަޖައްސާ ދިނުމަށް އެގްޒެކެޓިވް ބޯޑުގެ ޑައިރެކްޓަރުން ފާސް ކުރައްވާފައި ވާ ކަމަށެވެ.

މި އެހީގައި ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ތަންފީޒު ކުރަމުން އަންނަ އިންކަމް ސަޕޯޓް އެލަވަންސް ސްކީމަށް ހާއްސަކޮށްފައިވާ މާލީ އެހީކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ބޯޑުން، މިދިޔަ ޖޫން މަހު، 12.89 މިލިއަން ޑޮލަރުގެ މާލީ އެހީއާއެކު ފާސްކުރި މަޝްރޫއެކެވެ.

ވޯލްޑް ބޭންކުން ރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރު، ފާރިސް އެޗް ހަދާދް-ޒާވޯސް ވިދާޅުވީ، އިންކަމް-ސަޕޯޓް ސްކީމަށް ފޯރުކޮށްދޭ މާލީ އެހީ އިތުރު ކުރުމަކީ، ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ އާމްދަނީއެއް ކަށަވަރުކޮށްދެނިވި އެހީއަކަށް ވާނެ ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާ ދުނިޔެއިން ފިލާ ގޮސްފައި ނުވާ ހިނދު، މި ހިނގާ 2021 ވަނަ އަހަރަކީވެސް އިގުތިސޯދީ ކާރިސާ ދެމިގެންދާނެ އަހަރަކަށް ވުން ގާތް ކަމަށްވެސް ވޯލްޑް ބޭންކުގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ނޮވެމްބަރު 2020، ގެ ނިޔަލަށް، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، ރާއްޖޭގެ، 17000 މަސައްކަތްތެރިއަކަށް، ޖުމުލަ 10.3 މިލިއަން ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދީފައި ވާ ކަން ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ.

ސީދާ މަސައްކަތްތެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހަރަދު ކުޑަ ކުރުމުގެ އިތުރުން، ވޯލްޑް ބޭންކުގެ އެހީއަކީ، މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ މިފަދަ ޝޮކްތަކުގެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މަޝްރޫއުތައް ހިންގުމަށްވެސް ހަރަދު ކުރެވޭނެ ފައިސާކަން ވޯލްޑް ބޭންކުން ވަނީ ބަޔާންކޮށްފައެވެ.

ރާއްޖެއަށް އެހީ އިތުރު ކޮށްދިނުމަށް ވޯލްޑް ބޭންކުން ނިންމާފައި ވާއިރު، މި އެހީއަކީ ނޭޝަނަލް ޑިވަލޮޕްމަންޓް އެސޯސިއޭޝަން މެދުވެރިކޮށް ރާއްޖެއަށް ދޭ އެހީކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މިއާއެކު އިންކަމް ސަޕޯޓް ސްކީމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައެޅި އެހީގެ ޖުމުލަ އަގު މި ވަނީ 34.4 މިލިއަން ޑޮލަރާށް އަރާފައެވެ.

އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއާއެކު ވޯލްޑް ބޭންކުން ދަނީ ސިލްސިލާ ގޮތެއްގައި ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކާރިސީ ހިރާސް ކުޑަކުރުމުގެ ރޮނގުންވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދީފައެވެ. ވޯލްޑް ބޭންކުގެ 10 އޮޕަރޭޝަނެއް ރާއްޖޭގައި މިހާރުވެސް ކުރިއަށް ދާ ކަމަށާ، މި މަޝްރޫއުތަކުގެ އަގު، 148 މިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައިވެއެވެ.