މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން އިލްތިމާސްކޮށްފިއެވެ.

ބްރޮޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި ޑިމޮކްރަސީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.

އެހެންކަމުން ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ އެކަން ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ބްރޮޑްކޮމް އިން ބުނީ އާންމު ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އަދި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ދޭ ކަމަށެވެ.

ބޮރޮޑްކޮމް އިން މި އިއުލާނު ނެރެފައިވަނީ ދާދި ފަހުން ހެލްތު މިނިސްޓްރީން ބޭއްވި އިވެންޓަކަށް ދެ ޗެނެލްއަކަށް ދައުވަތު ދިން މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ގިނަ މީޑިއާ ތަކުން ނުރުހުންފާޅުކޮށްފައިވާއިރު އެމައްސަލަ އާ ގުޅިގެން ނޫސްވެރިން މިނިސްޓްރީއަށް ސުވާލު ކުރުމުން މިނިސްޓްރީން ވަނީ އެ ބައްދަލުވުމަކީ ކުއްލި ގޮތަކަށް ބެއްވި އިވެންޓެއް ކަމަށާއި ޖާގައި ގޮތުން ހުރިހާ މީޑިއާ ތަކަށް އަންގާނުލެވުނީ ކަމަށެވެ. ހެލްތު މިނިސްޓްރީން ބޭއްވި އެ އިވެންޓަށް ދައުވަތު ދީފައިވަނީ ޕީއެސްއެމް އަދި ރާއްޖެ ޓީވީއަށެވެ.