އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރު މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކޮށް، އޭނާގެ އިސް ވަކީލަކަށް މަރިޔަމް ނިހާޔަތު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފިއެވެ.

މިއަދުގެ އަޑު އެހުމުގައި މައްސަލައަށް ޖަވާބުދާރީ ވާން ފުރުސަތު ދިނުމުން އާތިފް ވަނީ ދައުވާއަށް އިންކާރުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އާތިފްގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި މަރިޔަމް ނިހާޔަތަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް މީގެ ކުރިން މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވި ނިންމުމާ ގުޅިގެން އާތިފް ވިދާޅުވީ، މިއީ ވަރަށް ބޮޑު ދައުވާއެއް ކަމަށާއި މައްސަލައަށް އެންމެ ރަނގަޅަށް ޖަވާބުދާރީވެ އޭނާގެ ދިފާއުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ވަކީލަކީ ނިހާޔަތު ކަމަށެވެ. އަދި ނިހާޔަތު އޭނާގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ދެއްވުމަށް ގާޒީގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ނިހާޔަތަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމާފައި ވަނީ އޭނާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ މަޝްވަރާތަކުގައި ބައިވެރިވެފައި ވާތީ އޭނާގެ މަސްލަހަތު ފުށޫ އަރާ ކަމަށް ބުނެއެވެ. ނަމަަވެސް، ނިހާޔަތު ވިދާޅުވެފައި ވަނީ އާތިފްގެ މައްސަލައާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމެއް ހަނދާނުގައި ނެތް ކަމަށެވެ.

މިއަދު ތަކުރާރުކޮށް އާތިފްގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އެ މައްސަލައިގެ ވަކީލެއްގެ ގޮތުގައި ނިހާޔަތު ބަލައިނުގަތް މައްސަލަ މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރުމަށް ބޭނުންވާތީ އެ ނިންމުން ލިޔުމުން ދިނުމަށެވެ. ނަމަވެސް ޝަކީލު ވިދާޅުވީ، އެ ނިންމުމަކީ ޝަރީއަތުން ކުރި އަމުރެއްގެ ގޮތުގައި ބަލައި ލިޔުން ނުދެވޭނެ ކަމަށާއި އެ ވާހަކަ ތަކުރާރު ނުކުރެއްވުމަވެ. އާތިފްގެ ފަރާތުން އެ ވާހަކަ ތަކުރާރުކުރުމުން ދައުލަތުން އެކަމާ ގުޅިގެން ބުނީ އެއީ ޝަރީއަތުގެ ހުރުމަތް ކެނޑުން ކަމަށް ދެކޭ ކަމަށެވެ.

ދައުލަތުން މިއަދު ބުނީ، ދިފާއަށް ބޭނުންވާ ވަކީލު ހަމަނުޖެހުމަކީ މުޅި މައްސަލަ މަޑުޖައްސާލާފައި ބޭއްވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި މިހާރުވެސް އާތިފްގެ ވަކީލުން ތިއްބެވިކަމާއި އެއީ ވަކީލެއްގެ ހައްގު ލިބިދިނުން ކަމަށް ދެކޭކަން ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ދެން އެ މައްސަލައިގައި އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 23 ގައި ކަމަށް އިސްގާޒީ ޝަކީލް ވިދާޅުވިއެވެ. އެއީ ހެކި ހާމަ ކުރަން ބާއްވާ އަޑުއެހުމެކެވެ.

އާތިފްގެ އިސް ގާޒީއަކަށް ނިހާޔަތު ބަލައިނުގަތް މައްސަލަ އާތިފް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމާފައި ވަނީ އެއީ އިދާރީ ނިންމުމެއް ކަމުން އެ ނިންމުމުގެ އިސްތިއުނާފު ބަލައި ނުގަނެވޭނެ ކަމަށެވެ.

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން ނުވަތަ އެއް އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ޖޫރިމާނާ ކުރުމާއެކު ޖަަލަށް ލުމެވެ.

އާތިފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓު ނުކުރުމުންނެވެ.

ނޮވެމްބަރު 25، 2014 ގައި ކުރި އެ މުއާމަލާތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ 59.45 މިލިއަން ރުފިޔާއެވެ. އެ މުއާމަލާތަކާ ގުޅިގެން ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް (އެސްޓީއާރް) އެއް އެފްއައިޔޫއަށް ފޮނުވުމުން އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައެއް ނުވެއެވެ.

އާތިފު އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް "ދަޕްރެސް" އަށް މީގެކުރިން އާތިފް ވަނީ ވިދާޅުވެފައެވެ.

އާތިފް ވިދާޅުވީ، އޭނާ މަގާމު ފުރުއްވި ހަތް މަސް ދުވަހު އެފްއައިޔޫން ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މަނީ ލޯންޑަރިންގެ އަމަލުތައް ހިނގަމުން ދިޔަ ކަމަށާއި، އޭނާއަށް ފަހު އެފްއައިޔޫގެ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅުން ވެސް އެ ކަމުގެ ޒިންމާ އުފުއްލަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.