ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް ފަރުމާކުރުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތީރިޓީ، (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ބުނީ ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވާ ކަމަށެވެ. އެމްއެމްއޭއިން ވަނީ ފަރުމާ ކުރާ ޑިޒައިން ހުށަހެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ތަފްސީލުކޮށްދީފަވެއެވެ.

އެގޮތުން ޑިޒައިން ހުށަހަޅާނީ A4 ސައިޒް ކަރުދާހެއްގައި ކަޅާއި ހުދުލުކުލައިންކަމަށާއި ޑިޒައިންއާއި އެ ޑިޒައިނުން ދިވެހި ރުފިޔާ ރަމްޒުކޮށްދީފައިވާ ގޮތުގެ ކޮންސެޕްޓް ވެސް ހުށަހަޅަންވާނެ ކަމަށް އެމްއެމްއެއިން ބުނެއެވެ. އަދި ޑިޒައިންތަކުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭންވެސް ޖެހެއެވެ.

ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންޖެހޭނެ ކަމަށައި ލިޔުމުގައި ނިޝާން ޖަހާނީ ހިސާބު އަދަދުގެ ކުރީގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ހުށަހަޅާ ޑިޒައިނަކީ ނުވަތަ އޭގެން އެއްވެސް ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެކަމަށާއި އެއީ އަމިއްލަ މަސައްކަތަކަށް ވާން ޖެއެވެ.

ކޮންމެ ފަރާތަކަށް 1 ޕްރޮޕޯސަލް ހުށަހެޅޭއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހު މެންދުރުފަހު 2:00އެވެ. އެ މުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.