މި ފަހުގެ ތާރީހުގައި ވައިގެ އުދުހުންތަކުގެ ސިނާއަތް ދުށް އެންމެ ހިތާމަވެރި ހާދިސާތަކާ ގުޅިފައިވާ ބޮއިންގް ކުންފުނީގެ 737 މެކްސް މޮޑެލްގެ މަތިންދާ ބޯޓުތައް އުދުއްސުމަށް ހުއްދަ ދީފައި ވަނީ "މާ އަވަހަށް" ކަމަށް، ދާއިރާގެ ތަޖުރިބާކާރަކު ތުހުމަތު ކުރައްވައިފިއެވެ.

ސިއޭޓަލްގައި އޮޕަރޭޓް ކުރާ ބޮއިންގް 737 ކާރުހާނާގެ އިސް މެނޭޖަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ އެޑް ޕިއާސަން ވަނީ، 737 މެކްސް މޮޑެލްގެ ބޯޓުތައް އުދުއްސަން ހުއްދަ ދިނުމުގައި ކަންބޮޑުވުން ތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ.

ބޮއިންގް 737 މެކްސް މޮޑެލްގެ 2 ބޯޓެއް ވެއްޓިގެން ހިނގި ހިތާމަވެރި ހާދިސާތަކުގައި 346 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހާދިސާތަކާ ގުޅިގެން މި މޮޑެލްގެ ބޯޓުތައް ވަނީ ގްރައުންޑް ކޮށްފައެވެ. ނަމަވެސް، އުތުރު އެމެރިކާއާއި ބްރެޒިލްގައި މި މޮޑެލްގެ ބޯޓުތައް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ވާއިރު، ވިލާތުގައި މި ބޯޓުތައް އޮޕަރޭޓް ކުރުމަށް މިހަފުތާ ތެރޭގައި ހުއްދަ ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.

ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާ ބޯޓު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސިޓީނިއުސްޓޮރޯންޓޯ

ނަމަވެސް، އެޑް ޕިއާސަން ވިދާޅުވީ، ބޯޓަށް ދިމާވާ ކަރަންޓުގެ މައްސަލަތަކާއި، އުފެއްދުމުގެ ފެންވަރާ ގުޅޭ މައްސަލަތައް އަދިވެސް އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން އެޑް ޕިއާސަން އިތުރަށް ވިދާޅުވީ، ހިތާމަވެރި ހާދިސާތަކާ ސީދާ ގޮތުން ގުޅިފައިވާ ކަންތައްތަކަކަށް ފުރިހަމައަށް ބެލުމެއް ނެތި، ރެގިއުލޭޓަރުންނާއި އިންވެސްޓިގޭޓަރުން އެކަންކަން ދޫކޮށްލާފައި ވާކަމަށެވެ.

މި މޭރުމުން އެޑް ޕިއާސަން ވަނީ، ހާދިސާއާ ގުޅޭ ދުވަސްވަރު ރެންޓަންގައި ހިންގި ބޮއިންގްގެ ކާރުހާނާގައި މައްސަލަތަކެއް ހުރި ކަމަށް ފެންމަތިކުރައްވާފައެވެ. ނަމަވެސް ބޮއިންގް ކުންފުނިން ބުނަމުންދަނީ، މިއީ އަސާސެއް ނެތް ތުހުމަތެއް ކަމަށެވެ.

އީޓީ 302 ވެއްޓެން ދިމާވި ސަބަބު ދެނެގަތުމުގައި ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީއިމޭޖަޒް

ބޮއިންގް 737 މެކްސް މޮޑެލްގެ ބޯޓެއްގައި ލަޔަން އެއާ ފްލައިޓް ޖޭޓީ610 ފެށި ދަތުރަށް ނިމުން އައީ އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް ބޯޓު ވެއްޓިގެންނެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭގެ 5 ވަރަކަށް މަސް ދަހުން، ހަމަ މޮޑެލްގެ ބޯޓެއް (އީޓީ302)، އިތިއޮޕިއާގެ ވެރިރަށުން އުދުއްސާލިތާ މާ ގިނައިރެއް ނުވެ ވެއްޓުނެވެ.

އިންވެސްޓަރުން ބުނާ ގޮތުގައި މި ހާދިސާތައް ގުޅިފައިވަނީ އެންމެ ސެންސަރެއްގެ ފެއިލްވުމާއެވެ. އެއީ ފްލައިޓް ކޮންޓްރޯލް ސޮފްޓްވެއާ (އެމްކާސް) އަށް މައުލޫމާތު ފޮނުވާ ސެންސަރެވެ.

ރައްކާތެރި ފްލައިޓް މޮޑަލްއަކަށް 737 މެކްސް ހެދުމަށް ކުރި މަސައްކަތް އަމާޒު ކުރީވެސް އެމްކާސް އަލުން ފަރުމާ ކުރުމަށެވެ. އަދި އެންމެ ސެންސަރުކަން މި ނިޒާމު މަސައްކަތް ނުކުރާނެ ކަން ކަށަވަރު ކުރިއެވެ.

ޖާވާ ކަނޑަށް ވެއްޓުނު ލަޔަން އެއާގެ މަތިންދާބޯޓުގެ އިންޖީނުގެ ބައިތަކެއް ތަހުލީލުކުރަނީ/ފޮޓޯ: ރޮއިޓާޒް

ނަމަވެސް އެޑް ޕިއާސަން ވިދާޅުވަނީ މިވަރުން ފުއްދާލެވެން ނެތް ކަމަށެވެ. މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަޑުއެހުންތަކުގައިވެސް ބޮއިންގް ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެޑް ޕިއާސަންވަނީ، މި މޮޑެލްގެ ބޯޓެއްގައި އޭނާގެ އަމިއްލަ އާއިލާ އުދުއްސަން ޖެހިލުންވާކަމަށް ވިދާޅުވެފައެވެ.

ކާރުހާނާގައި މަސައްކަތް ކުރަން ޖެހެނީ ހައިޖާނެއްގެ ތެރޭގައި ކަމަށާ، ވީ އެންމެ ހަލުވި ދުވެލީގައި ބޯޓުތައް ހެދުމަށް މެނޭޖަރުންގެ ފަރާތުން މުވައްޒަފުންނަށް ޕްރެޝަރު އަންނަ ކަމަށް، 2018 ވަނަ އަހަރުވެސް އެޑް ޕިއާސަން ވަނީ ވިދާޅުވެފައެވެ.

ބޮއިންގް ކުންފުނީގެ ފަޚްރެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރަމުން އަންނަ 787 ޑްރީމްލައިނާ މަތިންދާބޯޓު/ފޮޓީ: ބޮއިންގް

ވައިގެ އުދުހުންތަކުގެ ރައްކާތެރިކަމާ ސަލާމަތްތެރިކަމަށް ވަކާލާތު ކުރައްވާ ކެޕްޓަން ޗެސްލީ ސަލެންބާގާވެސް ވަނީ، އެޑް ޕިއާސަންގެ ކަންބޮޑުވުންތަކަށް ތާއީދު ކުރައްވާފައެވެ. މައްސަލަ ޖެހި، އިންޖީނު ހުއްޓުނު ބޯޓެއް، 2009 ވަނަ އަހަރު ކާމިޔާބު ކަމާއެކު ހަޑްސަން ކޯރަށް ޖައްސައިގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ކެޕްޓަން ސަލީވެސް ވިދާޅުވަނީ، ފަރުމާއަށް ގެނައި ބަދަލުން ފުދެން ނެތް ކަމަށެވެ.

ބޮއިންގް 737 މެކްސް މޮޑެލްގައި އުދުހެމުން ދަނިކޮށް މި ދުނިޔެއާއި ވަކިވެ ދިޔަ މީހުންގެ އާއިލާތަކުންވެސް ދަނީ، މި މޮޑެލްގެ ބޯޓުތައް އުދުއްސުމުގެ ހުއްދަ އަދި ނުދިނުމަށް ގޮވާލަމުންނެވެ.