ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ތަކުލީފުތައް އުފުލުމަށްފަހުގައި ވެސް ކުރިމަތިލާން ޖެހޭ، ދިގުދެމިގެންދާ އަލާމާތްތަކަކީ ސީރިއަސް ވާންޖެހޭ ކަމެއް ކަމަށް އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ އިންޒާރު ކުރައްވައިފިއެވެ.

އެމްއެސްއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ފައޫޗީ ވިދާޅުވީ، ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން ދާއިރު، ބަލިން ރަނގަޅުވާ ފަހުންވެސް އަލާމާތްތައް ދިގުދެމިގެންދާ ދިއުމަކީ ވަރާށް ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއް ކަމަށެވެ.

މި ފަދަ މީހުންގެ ހަށިގަނޑުގައި ޕޮޒިޓިވް ކަމަށް ދައްކާ ވަރަށް ވައިރަސް ނެތް ނަމަވެސް، ދިގުދެމިގެންދާ އަލާމާތްތަކުގެ ވޭން އަޅާ ކަމަށާ، މިއީ ހަގީގަތުގައިވެސް މެދުވެރިވާ ހާލަތެއް ކަމަށް ޑރ ފައޫޗީ ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހި، ބަލިން ރަނގަޅުވެ، ނެގެޓިވް ނަތީޖާ ލިބޭ ބައެއް މީހުންގެ ހަށިގަނޑުން ފެންނަ ދިގުދެމިގެންދާ އަލާމާތްތަކުގެ ތެރޭގައި، އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސްވުން، މަސްތަކުގައި ރިއްސުން، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ނުހިފެހެއްޓުން އަދި "ބްރެއިން ފޮގް" ނުވަތަ ވަކި ކަމަކަށް ސަމާލުކަން ދީގެން އިނުމަށް ދަތިވުން ފަދަ ކަންކަން ހިމެނޭ ކަމަށް ޑރ ފައޫޗީ ވިދާޅުވިއެވެ.

އެމެރިކަގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިންވެސް ވަނީ އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ނޭވާ ކުރުވުން، ކެއްސުން، ހުޅުތަކާއި މޭގައި ރިއްސުން ފަދަ އަލާމާތްތަކަކީ ދިގުދެމުންދާ ކޮވިޑްގެ އާންމު އަލާމާތްތަކުގެ ގޮތުގައި ލިސްޓު ކޮށްފައެވެ. މީގެ އިތުރުން ބްރެއިން ފޮގްއާއި، ޑިޕްރެޝަންއާއި ބޮލުގައި ރިއްސުމަކީ ކޮވިޑް ޖެހި، ރަނގަޅުވާ މީހުންނަށް ދިގު މުއްދަތަކަށް ކުރިމަތިލާންޖެހޭ ތަކުލީފުތަކެއް ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ނުޖެހޭ މީހުންނަށްވެސް މި ހާލަތު މެދުވެރިވުމުގެ ފުރުސަތު އޮންނަ ކަމަށް ސީޑީސީއިން ބުނެއެވެ.