ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގެ ބާރަތު ބައޮޓެކް ކުންފުނިން ތަރައްގީ ކޮށްފައި ވާ ކޮވެކްސިން ރައްކާތެރި، އަދި ދިފާއުވެސް އުފައްދާ ދެނިވި ވެކްސިނެއް ކަމަށް ދަ ލޭންސެޓް މެޑިކަލް ޖާނަލްގައި އާންމު ކޮށްފައި ވާ ދިރާސާއެއް ބުނެފިއެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައީސީއެމްއާރް)އާއި ބާރަތު ބައޮޓެކް ގުޅިގެން ތަރައްގީ ކުރި ކޮވެކްސިން، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށް، 25800 މީހުން ބައިވެރިކޮށްގެން ވަކި ދިރާސާއެއް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ބާރަތު ކުންފުނިން ބުނީ، ދިރާސާގެ ބައިވެރިންގެ ތެރެއިން 13000 ބައިވެރިއަކަށް މިހާރު 2 ވަނަ ޑޯޒްގެ ވެކްސިން ދީ، ފުރިހަމަ ކޮށްފައި ވާ ކަމަށެވެ.

ދަ ލޭންސެޓްގައި ޝާއިއު ކޮށްފައި ވަނީ ކުޑަ ދިރާސާއެއްގެ އިބްތިދާއީ މައުލޫމާތެވެ. މި ދިރާސާގައި 375 މީހަކު ބައިވެރިކޮށްފައި ވާއިރު، ކޮވެކްސިންގެ 3 ބާވަތަކާއި، ޕްލަސީބޯ (އަސްލު ނޫން ވެކްސިން) ދިން ގުރޫޕެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ރިޕޯޓް ބުނާ ގޮތުގައި ކޮވެކްސިންގެ 2 ބާވަތެއް މިހާރު ވަނީ ޓެސްޓު ކުރުމުގެ މަތީ މަރުހަލާތަކަށް ބަދަލު ކޮށްފައެވެ. އަދި ވައިރަހާ ދެކޮޅަށް ކާމިޔާބު ހޯދާ މިންވަރު ދެނެގަތުމުގެ މަސައްކަތް އޮތީ ކުރިއަށް ކަމަށްވެސް ހަބަރު ލިބެއެވެ.

މި ރިޕޯޓަކީ ކޮވެކްސިނާ ގުޅިގެން މިފަދަ މައުލޫމާތެއް ލިބުނު ފުރަތަމަ ފަހަރެވެ. ވެކްސިންގެ ކާމިޔާބީއާ ބެހޭ ފުރިހަމަ މައުލޫމާތު އާންމު ކުރުމުގެ ކުރިން، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ކުއްލި ހާލަތުގައި ވެކްސިން ދިނުމަށް ހިންގާ ކެމްޕޭންގައި މި ވެކްސިން ބޭނުން ކުރުމަށް ރުހުން ދީފައެވެ. އިންޑިއާގައި ގައުމީ ފެންވަރުގައި ހިންގާ ވެކްސިން ކެމްޕޭންގައިވެސް ކޮވެކްސިން ބޭނުން ކުރެއެވެ.

ކޮވެކްސިންއަކީވެސް އިންއެކްޓިވޭޓަޑް ވެކްސިނެކެވެ. ނުވަތަ ބާރުކަނޑުވާ/މަރާލާފައިވާ ވައިރަސް ބޭނުން ކޮށްގެން ތަރައްގީ ކޮށްފައި ވާ ވެކްސިނެކެވެ.