ޖައްވު ހޫނުކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑް (ސީއޯޓޫ) ބޭރު ކުރާ މިންވަރު، އެންމެ ފުރިހަމަ ދެނެގަނެ، އެ މިންވަރު މަދުކުރާ އިންގިލާބީ ޓެކްނޮލޮޖީއެއް އުފައްދާ ފަރާތަކަށް، 100 މިލިއަން ޑޮލަރުގެ އަގު ހުރި އިނާމެއް ދިނުމަށް، ޓެސްލާ އިންކްގެ އިސްވެރިޔާ އަދި ބިލިއަނަރު އީލޯން މަސްކު ވައުދުވެއްޖެއެވެ.

ދުނިޔެ ހޫނު ވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށްވާ ސީއޯޓޫ ބޭރުވާ މިންވަރު ވަޒަން ކުރުމަކީ، މޫސުމީ ނޭދެވޭ ބަދަލުތައް ދެނެގަތުމަށް އިންތިހާއަށް ބޭނުން ޓެކްނޮލޮޖީއެކެވެ. ނަމަވެސް، ސީއޯޓޫ ބޭރު ކުރާ މިންވަރު ދަށް ކުރުމަށް އަމާޒުކޮށްގެން، މިފަދަ ޓެކްނޮލޮޖީއެއް އުފެއްދުމަށް އަދާ ޖެހުނު އިރުވެސް މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ސީއޯޓޫ ބޭރު ކުރާ މިންވަރު ސުން ރޭޓަށް ދަށް ކުރުމަށް ގައުމުތަކުން އަމާޒު ހިފާފައި ވާއިރު، ކާބަން ކެޕްޗާ ޓެކްނޮލޮޖީ ނުވަތަ ބޭރުވާ ކާބަންގެ މިންވަރު ދަށް ކުރާ ޓެކްނޮލޮޖީ އިންތިހާއަށް މުހިންމު ކަމަށް، ބައިނަލްއަގުވާމީ އެނާޖީ އޭޖެންސީއިންވެސް ވަނީ ހާމަކޮށްފައެވެ.

މަޝްހޫރު މަހުޖަނު އީލޯން މަސްކު / ފޮޓޯ: ސީއެންއެން

ކާބަން ކެޕްޗާ ޓެކްނޮލޮޖީގެ ރޮނގުން އިންގިލާބީ އީޖާދެއް ހުށަހަޅާ ފަރާތްތަކަށް 100 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ވައުދު ވަމުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓުގައި މަސްކު ބުނީ، އިތުރު ތަފްސީލުތައް އަންނަ ހަފުތާގައި ދޭނެ ކަމަށެވެ.

އެމެރިކާގެ އާ ރައީސް، ޖޯ ބައިޑަންވެސް ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އެމެރިކާއިން ހިފާ އާ އަމާޒުގައި، ކާބަން ކެޕްޗާ ޓެކްނޮލޮޖީއަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.