ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާގެ ސީނޯފާމް ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ބައި މިލިއަން ޑޯޒް، މި މަސް ނިމުމުގެ ކުރިން ޗައިނާގެ ސަރުކާރުން ޕާކިސްތާނަށް ހަދިޔާ ކުރާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.
އިސްލާމްއާބާދުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވީ، ވީ އެންމެ އަވަހަކަށް ޕާކިސްތާނުގެ ފްލައިޓެއް ފޮނުވައިގެން ޗައިނާއިން ވެކްސިން ގެންދިއުމުގެ މަސައްކަތް ކުރުމަށް އެ ގައުމުން ޕާކިސްތާނަށް އަންގާފައި ވާ ކަމަށެވެ.
މިއީ ޕާކިސްތާނަށް ލިބުނު އުފާވެރި ހަބަރެއް ކަމަށާ، މިއީ ކޮވިޑް-19އާ ދެކޮޅަށް، ޕާކިސްތާނަށްވެސް ކޮންމެވެސް ވަރެއްގެ ދިފާއެއް ލިއްބައިދެނިވި ކަމަކަށް ވާނެ ކަމަށް ގުރައިޝީ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ރެގިއުލޭޓަރުން ވަނީ، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް، ސީނޯފާމްގެ ކޮވިޑް ވެކްސިނަށް، މިދިޔަ ހޯމަ ދުވަހު ރުހުން ދީފައެވެ. އޭގެ 2 ދުވަސް ކުރިން، ޕާކިސްތާނުގެ ރެގިއުލޭޓަރުން ވަނީ އޮކްސްފޯޑް/އަސްޓްރާޒެނީކާ ގެ ކޮވިޑް ވެކްސިނަށްވެސް ރުހުން ދީފައެވެ.
ގުރައިޝީ ވިދާޅުވީ، ޕާކިސްތާނަށް އަދިވެސް އިތުރު ޑޯޒް ބޭނުންވާނެ ކަމަށެވެ. އެގޮތުން އަދި 1.1 މިލިއަން ޑޯޒްގެ ވެކްސިން ބޭނުންވާނެ ކަމަށާ، ކުރިއަށް އޮތް ފެބުރުއަރީ މަސް ނިމޭ ހިސާބަށް، މި ޝިޕްމަންޓްވެސް ކަށަވަރު ވާނެ ކަމަށް ޗައިނާއިން ބުނެފައި ވާކަމަށް ގުރައިޝީ ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވަޒީރު ފައިސަލް ސުލްތޯން ވަނީ، އިނގިރޭސިވިލާތުން ވެކްސިން ގަތުމުގެ މަޝްވަރާތައް ކުރިއަށް ގޮސްފައި ވާކަންވެސް ހާމަ ކުރައްވާފައެވެ.
މީގެ އިތުރުން، ޗައިނާއާއި ގުޅިގެން ޕާކިސްތާނުންވެސް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަޝްވަރާތަކުގެ ސުރުހީ އަޅުއްވާފައި ވާނެ ކަން ގުރައިޝީ ވަނީ ހާމަ ކުރައްވާފައެވެ.
ޗައިނާގެ ކޭންސީނޯ ބައޮލޮޖިކްސް ތައްޔާރުކުރި ކޮވިޑް ވެކްސިންގެ 3 ވަނަ މަރުހަލާތައް މިހާރުވެސް ޕާކިސްތާނުގައި ކުރިއަށްދާއިރު، މި މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތް ވެފައެވެ.
ޗައިނާގެ ފަރާތުން ޕާކިސްތާނަށް ވެކްސިން ލިބޭކަން ޕާކިސްތާނުން ހާމަކޮށްފައި ވާ މިދަނޑިވަޅަކީ، ޕާކިސްތާނާއި ޗައިނާގެ ޒަމާންވީ އަދުވުއްގެ ގޮތުގައި އޮތް އިންޑިއާއިން، "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަކަށް ވެކްސިންގެ އެތައް ސަތޭކަ ޑޯޒްއެއް ހަދިޔާ ކުރަމުން ދާ ދަނޑިވަޅެކެވެ.