ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރަމުންދާ ކަމަށާއި އެކަން ކުރަމުން ދަނީ އަވަށްޓަރި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީގެ ސީދާ އޯޑަރަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ހައިކޯޓުގައި ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމާ ގުޅިގެން މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަން ކަށަވަރު ކޮށްދީފި ކަމަށާއި އިންސާފު ގާއިމް ކޮށްދެވޭނެ ސަރުކާރެއް ނޫންކަން މިއަދު ސާބިތު ކޮށްދީފި ކަމަށެވެ. އަދި މި ސަރުކާރުން ރައީސް ޔާމީނަށް އަނީޔާ ކުރަމުން ދަނީ އިންޑިޔާގެ ބޮޑުވަޒީރުގެ ފަރާތުން ދޭ އޯޑަރަކަށް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޔާމީން އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ މިއަދު ނިންމި ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް ސާފުކޮށް ވިދާޅުވެފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ހަމައެއާއެކު މިއަދު ހައިކޯޓުން އެ ހުކުމަށް ތާއީދު ކުރުމަކީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގެން ޖޭއެސްސީ ބޭނުން ކުރައްވައިގެން އިއްވި ހުކުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިއަދު އިއްވި ހުކުމަކީ ކަނޑައެޅިގެން ބާތިލް ހުކުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ނޮވެމްބަރު 28، 2019 ވަނަ ދުވަހެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނޮވެމްބަރު 30، 2019 ވަނަ ދުވަހެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް ކޮށްފައި ވަނީ ދަށު ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިޅީހުގައި ތިއްބެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ހައިކޯޓުން މިއަދު ނިންމުމުން އިދިކޮޅުގެ ސަޕޯޓަރުން ވަނީ މާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށާއި ސޯސަންމަގުގެ އޭޑީކޭ ހޮސްޕިޓަލް ހުންނަ ސަރަހައްދަށް އެއްވެ އެމީހުންގެ ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ.
ގެރިގޮރު މޯދީ އާ ގަންޖާނަޝީދު އާދެމީހުން ކުރާކަމެއް