އިރާގުގެ ވެރިރަށް ބަޣުދާދުގައި މިއަދު ދިން ބޮމުގެ ވަރުގަދަ، 2 ހަމަލާގައި މަރުވި މީހުންގެ އަދަދު 32 އަށް އަރާ، ޒަހަމްވި މީހުހުންގެ އަދަދު 110 އަށް އަރައިފިއެވެ.

ސަލާމަތީ ބާރުތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހަމަލާ ދިން މީހުން ވަނީ ދެނެގަންފައެވެ. މިއީ ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، ބަޣުދާދުގައި މިފަދަ ހަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.

ބޮމުގެ ފުރަތަމަ ހަމަލާ ދިނީ ބާޒާރުމަތީ ސަރަހައްދެއްގައެވެ. މި ސަރަހައްދުގައި ހަމަލާ ދިނީ ބަލި މީހެއް ކަމަށް ހެދިގެން އުޅުނު މީހެކެވެ. ދެވަނަ ބޮން ގޮއްވާލީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ސައިކަލެއްގައި ވަތް މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާތަކުގެ ޒިންމާ، އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާތަކަކީ ސުންނީންނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ސިއްކަ ޖަހާފައިވާ ހަމަލާތަކެއް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. 2005 ވަނަ އަހަރާއި 2007 ވަނަ އަހަރާ ދެމެދު ބަޣުދާދުގައި އުފެދުނު ދީނީ ފިކުރުގެ ހިޔާލު ތަފާތުވުންތަކާއެކު، އެކުއެކީގައި ބޮމުގެ 2 ހަމަލާ ދިނުން އޮތީ އާންމުވެފައެވެ.

އިރާގުގެ ރައީސް ބަރުހަމް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ، ސުލްހަވެރި މުސްތަގުބަލަކަށް އެދި އިރާގުގެ ރައްޔިތުން ކުރަމުން އަންނަ އުއްމީދާއި، އެކަން ހަގީގަތަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަމާޒު ކޮށްގެން ދިން ހަމަލާތަކެއް ކަމަށެވެ. ގައުމަށް ހަމަނުޖެހުން ގެނައުމަށް ކުރާ މިފަދަ ހުރިހާ މަސައްކަތަކާ ދެކޮޅަށް ސާބިތު ކަމާއެކު ތެދުވެވަޑައިގަންނަވާނެ ކަމަށްވެސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ދިޔަ 2 އަހަރެއްހާ ދުވަހު، އިރާގުގައި ދިން މިފަދަ ހަމަލާތައް މަދުވި ނަމަވެސް، ހަތިޔާރު އެޅި ހަނގުރާމަވެރި ގުރޫޕުތައް އެ ގައުމުގައި އޮތެވެ.