މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒު (އެސްޑީޖީޒް) ހާސިލު ކުރުމަށް ބާރުދެނިވި އެހީގެ މަޝްރޫއެއްގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގައި ހިންގާ އދގެ އިދާރާއާ ދެމެދު ސޮއި ކޮށްފިއެވެ.

"ޕްރޮޓެކްޓިންގް ވިމެން އެންޑް ޗިލްޑްރަން: ޑިޖިޓަލައިޒިންގް އެންޑް ސްޓްރީމްލައިނިންގް ސޯޝަލް ސާވިސަސް އެންޑް ކްރިއޭޓިންގް އަ ޔުނިފައިޑް ޕްލެޓްފޯމް ފޮ ނޭޝަނަލް ކެއާ" ނުވަތަ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޑިޖިޓަލްކޮށް، އެއް އުސޫލަކުން ހިންގާ، ގައުމީ އެހީގެ ޕްލޭނަކަށް ބާރުދޭ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

މިފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރާއްޖޭގައި ހުންނަވާ އދގެ ރެސިޑެންޓް ކޯޑިނޭޓާ ކެތުރީން ހޭޒްވެލް/ފޮޓޯ: ފޮރިން

ދިވެހި ހާރިޖިއްޔާގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުން މި މަޝްރޫއުގެ ލިޔެކިއުންތަކުގައި ސޮއި ކުރެއްވީ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އދގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގައި ހުންނަވާ އދގެ ރެސިޑެންޓް ކޯޑިނޭޓާ ކެތުރީން ހޭޒްވެލްއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ކުއްލި ހާލްތަކަށް އިޖާބަ ދެނިވި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިންތިހާ ފަގީރުކަމަށް ވެއްޓުން ފަދަ ކަންކަމުން އަންހެނުންނާއި އަންހެން ކުދިން ސަލާމަތް ކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމެވެ. މިއާއެކު ކޮވިޑް-19 ފަދަ ބައިނަލްއަގުވާމީ ބަލިމަޑުކަމުގެ ހާލަތްތަކާއި، އިގުތިސޯދީ-އިޖުތިމާއީ އަނިޔާއާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން ހިމާޔަތް ހޯދުމަށް ފުރުސަތު ފަހިވާނެއެވެ.

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އދގެ އިދާރާއާއި ދިވެހި ހާރިޖިއްޔާއިން އާންމު ކުރި ގުޅިފައިވާ ބަޔާނުގައި ވާ ގޮތުން، 452500 ޑޮލަރުގެ މިމަޝްރޫއަށް ބަޖެޓް ދެނީ އދގެ ކޮވިޑް-19 ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނާ ޓްރަސްޓް ފަންޑުންނެވެ.

މިމަޝްރޫއުއިން ހާސިލު ކުރަން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި:

  • ޖިންސުގެ ފަރަގު ކުޑަކޮށް، އަންހެނުން ބާރުވެރި ކުރުވާ، ދަރިމައިވުމުގެ ސިއްހީ އެހީތެރިކަން ހޯދުމުގެ މަގު ތަނަވަސް ކޮށްދީ، އިގުތިސޯދީ ހަރަކާތްތަކަށް ފުރުސަތު ފަހި ކުރުން
  • އެކި ކަންކޮޅުތަކުގައި، ނާޒުކު ހާލުގައި ދިރިއުޅެމުން އަންނަ މީހުންނަށް ވާސިލުވުމަށް، މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި މައުލޫމާތު އެއްކުރުން
  • ޔުނިވާސަލް ބޭސިކް އިންކަމްގެ އުސޫލުގެ ދަށުން، ވަށާޖެހެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތާ ގުޅޭ ކަންކަން ޑިޖިޓަލް ކުރުން ފަދަ ކަންކަން ހިމެނެއެވެ.

ރަސްމިއްޔާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ، ރާއްޖޭގައި ނާޒުކު ހާލުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ހިމާޔަތަށް ސަރުކާރުން ދޭ ހާއްސަ އަހައްމިއްޔަތުކަން ފާހަގަ ކުރައްވާފައެވެ. އދގެ ރެސިޑެންޓް ކޯޑިނޭޓަރު ވަނީ އެ އިދާރާ މެދުވެރިކޮށް، ރާއްޖެއަށް މިފަދަ އެހީތައް ލިބެމުންދާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ނޮވެމްބަރު 1، 2021 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމަޝްރޫއުގެ ކަންކަން، ދިވެހި ސަރުކާރާއި އދއިން ވިލަރެސް ކުރަމުން ދާނެ ކަމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އދގެ އިދާރާއާއި ދިވެހި ހާރިޖިއްޔާއިން އާންމު ކުރި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.