އެމެރިކާގެ ވެރިކަމުގައި ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕް، ފަހު ފަހަރަށް ވައިޓްހައުސް ދޫކުރައްވާ، ފްލޮރިޑާއަށް ވަޑައިގެންފިއެވެ.

އެއާފޯސް ވަންއިން އެންމެ ފަހު ފަހަރަށް ޓްރަމްޕް ފައިބާވަޑައިގަތީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. ޓްރަމްޕާއެކު އޭނާގެ މުޅި އާއިލާވެސް ވަނީ ފްލޮރިޑާއަށް ދިރިއުޅުން ބަދަލު ކުރައްވާފައެވެ.

ވޮޝިންގްޓަން ޑީސީ ދޫކުރައްވާ، ފްލޮރިޑާއަށް ޓްރަމްޕް މި ވަޑައިގަތީ، ނޮވެމްބަރު 3، 2020ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން، އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

ޓްރަމްޕް ވަނީ ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަން މީގެ ކުރިންވެސް އިއުލާން ކުރައްވާފައެވެ. ޓްރަމްޕަކީ އެމެރިކާގެ ތާރީހަށް ބަލާއިރު، ފާއިތުވީ 150 އަހަރު ދުވަހުގެ ތެރޭގައިވެސް މިފަދައިން އަމަލު ކުރެއްވި ހަމަ އެކަނި ރައީސްއެވެ.

ޓްރަމްޕްގެ ނައިބުގެ ގޮތުގައި ހިދުމަތް ކުރެއްވި މައިކް ޕެންސްގެ ދެކަނބަލުން ބަނީ، ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތަށް މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ވަޑައިގެންފައެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި، ބައިޑަން، މަގާމުގެ ހުވާ ކުރައްވާނީ ރާއްޖެ ގަޑިން މިރޭ 10:00 ހާއިރުއެވެ.