މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ގައުމީ ފެންވަރުގައި އިންޑިއާއިން ވެކްސިން ކެމްޕޭން ފެށިތާ އެންމެ 4 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވެކްސިން ހަދިޔާ ކުރިކަމީ ދޭދޭ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ދިވެހި ރާއްޖެއަށް ހަދިޔާ ކުރި 1 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިނާއި ހަވާލުވެވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ، އިންޑިއާގެ މި ދީލަތި އެހީއަށް އެގައުމަށް ނިހާޔަތަށް ޝުކުރު އަދާ ކުރައްވާފައެވެ.
ދިވެހި، އިނގިރޭސި އަދި ހިންދީ ބަހުން ތަގުރީރު ކުރައްވަމުން ޝާހިދު ވަނީ އިންޑިއާއަކީ ދިވެހިން ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އެހީ ހިފައިގެން އަންނަ ގައުމު ކަން ފާހަގަ ކުރައްވާ، އިންޑިއާއަކީ ދިވެހި ރާއްޖޭގެ އެންމެ އެކުވެރި އެއް ގައުމުކަން ފާހަގަ ކުރައްވާފައެވެ.
އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖެއަށް މިއަދު ފޯރުކޮށްދިން ވެކްސިން ޝިޕްމަންޓާއެކު، މި ބަލިމަޑުކަމުން އަރައިގަނެވިދާނެ ކަމުގެ އުއްމީދު އާވެފައި ވާ ކަމަށް، މިއަދު މެންދުރުފަހު ގައުމާ މުހާތަބު ކުރައްވާ، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.
މި މެސެޖު ދިވެހިން ބަލައިގަތީ ހިތުގެ ތަސައްލީއާ އެކުގައި ކަމަށްވެސް ޝާހިދުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖެއިން އަމާޒު ހިފާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން މަޝްރޫއު ކާމިޔާބު ކުރުމަށް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާ ކުރި 1 ލައްކަ ޑޯޒްގެ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާ ޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. މިއީ 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ދިރާސާތަކުން ދައްކައެވެ.