މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބާރުގަދަ ބިންހެލުމެއް ތަޖުރިބާކުރި އިންޑޮނޭޝިއާގެ ސުލާވެސީ އަވަށުގެ ރަށްވެހިން، އެހީއަށް އެދި ގޮވާލައިފިއެވެ.

ރެކްޓާ މިންގަނޑުން 6.2ގެ ބާރު މިނުގައި އައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 84 އަށް އަރާފައި ވާއިރު، ގިނަ ބަޔަކަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ. މި ހާދިސާއާ ގުޅިގެން ގެދޮރު ގެއްލުނު މީހުންގެ އަދަދު ވަނީ 19000 އަށް އަރާފައެވެ.

އޮންޑޮނޭޝިއާގެ އެންމެ ވަރުގަދަ އިސްލާމީ ޖަމިއްޔާ ކަމަށްވާ އަންސޯރު ޔޫތު މޫވްމަންޓް އޮފް ނަހްލަތުލް އުލަމާގެ މުޙައްމަދު އަންސަރު ތޯހިރު ވިދާޅުވީ، ތުއްތު ކުދިންނަށް ބޭނުންވާ އެކި ކަހަލަ ތަކެތީގެ އެހީތެރިކަން މިހާރުން މިހާރަށް ބޭނުން ވާ ކަމަށެވެ. އަދި ކުޑަކުދިންނަށް ބޭނުންވާ ކިރާއި، ބަތްޕެން/ސޫޕް ފަދަތަކެއްޗާއި، ރަޖާ އަދި ނެޕީގެ އެހީތެރިކަން ބޭނުން ވާ ކަމަށްވެސް ތޯހިރު ވަނީ ވިދާޅުވެފައެވެ.

ޖެނުއަރީ 15، 2021 ގައި އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންތަކެއް / ފޮޓޯ: އަލްޖަޒީރާ

ބިންހެލުމާއި ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުން ވަގުތީ ހިޔާތައް ހަދައިގެން ދިރިއުޅެމުން އަންނައިރު، މިފަދަ 30 ތަނެއް ފާހަގަ ކުރެވިފައި ވާކަމަށާ، މިއިން ޓެންޓެއްގައި މިދިޔަ އާދީއްތަ ދުވަހު މީހަކު ވިހޭ ކަމަށްވެސް ތޯހިރު ވިދާޅުވިއެވެ.

މިސަރަހައްދުން ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދެއްކި މީހަކު ބުނީ ސަރަހައްދީ ސަރުކާރުގެ ފަރާތުން ލިބުނީ ކުޑަ އެހީއެއް ކަމަށެވެ. އެގޮތުން ނޫޑްލްސްއާއި ބޯފެން ލިބުނު ކަމަށާ، ނަމަވެސް ނޫޑްލްސްވެސް ކާންޖެހެނީ، ނުކައްކާ، ރޮލާ ކަމަށް އޭނާ ބުންޏެވެ.

ޖެނުއަރީ 15، 2021 ގައި އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ ދަރުމަވެރިޔާ ެ މުޙައްމަދު އަންސަރު ތޯހިރު / ފޮޓޯ: އަލްޖަޒީރާ

މި ދަނޑިވަޅަކީ މޫސުމީ ވިއްސާރައިގެ ސަބަބުންވެސް ސުލާވެސީއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށްވެސް މޫސުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ތޯހިރު ފަދަ ދަރުމަވެރިން ދަނީ ރެސްކިއު އޮޕަރޭޝަންތަކުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ބައެއް ސަރަހައްދުތަކުގައި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބިންގަނޑު ކޮންނަން ޖެހެނީ އަމިއްލަ އަތުން ކަމަށްވެސް ތޯހިރު ވަނީ ފާހަގަ ކުރައްވާފައެވެ.