ޗައިނާގެ އިރުމަތީ ސަރަހައްދުތަކުގައި އުފައްދާ އައިސްކްރީމްގައިވެސް ސިވިއާ އެކިއުޓް ރެސްޕިރޭޓާރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސަރު އެބަހުރި ކަމަށާ، މިކަމާ ގުޅިގެން ބޮޑު ޝިޕްމަންޓެއް ނުވިއްކަން އަންގައިފިއެވެ.
މައްސަލަ ދިމާވިއިރު، މިކަން ކުރިމަތިވި ބެޗްގެ 29000 ކާޓަންގެ ތެރެއިން ބޮޑު ބައެއް ހުރީ ނުވިކި ކަމަށް މައުލޫމާތު ލިބެއެވެ.
ކަން މިހެން އޮތް ނަމަވެސް އައިސްކްރީމްގެ ޒަރިއްޔާއިން އެއްވެސް މީހަކު މި ވައިރަހަށް އިންފެކްޓްވި ކަން ނުވަތަ ނޫން ކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހުގެ އަސަރު ފެނުނީ، ދަ ޑަގިއާއޮޑާއޯ ފުޑް ކޯ ލިމިޓަޑްގެ ބެޗަކުންނެވެ. މިއާއެކު ޓިއާންޖިންގައި އޮޕަރޭޓް ކުރަމުން އަންނަ އައުޓްލެޓް ބަންދުކޮށް، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާކަމަށް އެ ސަރަހައްދުގެ ސަރުކާރުން ހަބަރު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓިއާންޖިންގައި އޮޕަރޭޓް ކުރަމުން އަންނަ ޑަގިއާއޮޑާއޯ ފުޑް ކޯ ލިމިޓަޑްގެ 1600 އެއްހާ މުވައްޒަފުން މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ. މި ހުރިހާ މުވައްޒަފުން ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާއިރު، 700 މުވައްޒަފުންގެ ނަތީޖާ ނެގެޓިވް ކަމަށް މައުލޫމާތު ލިބެއެވެ.
ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ޓިއާންޖިންގައި ވިއްކަމުން ދިޔަ 390 ކާޓަން ޓްރެކްކޮށްފައި ވާ ކަމަށާ، އެހެން ސަރަހައްދުތައްވެސް ސަމާލަށް ގެނެސްފައި ވާ ކަމަށެވެ. މި އައިސްކްރީމް ތައްޔާރު ކުރުމަށް ބޭނުން ކުރި ބާވަތްތައް އެތެރެ ކުރި ގައުމުތަކުގެ ތެރޭގައި ނިއުޒީލަންޑް އަދި ޔޫކްރައިންވެސް ހިމެނެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އައިސްކްރީމްގައި ކޮވިޑް-19ގެ އަސަރު ކުރީ އިންތިހާ ފިނިމިނުގެ ސަބަބުން ކަމަށެވެ. އަދި އައިސްކްރީމް ޝިޕްމަންޓަށް ވައިރަސް އައީ އިންފެކްޓް ވެފައިވާ މީހެއްގެ ފަރާތުން ކަމަށްވެސް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މި ދަނޑިވަޅަކީ ގިނަ ދުވަސްތަކެއްގެ މަޑުޖެހުމަކަށް ފަހު، ކޮވިޑް-19ގެ އިތުރު ރާޅަކާ ޗައިނާއަށް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ.