އިންޑޮނޭޝިއާގެ މައުންޓް ސެމޭރޫ އަލިފާން ފަރުބަދަ ގޮވާ، ދުމާއި އަޅި ބޭރުވެ، އެ ގައުމުގެ އެންމެ ބައިބޯ ރަށް ކަމަށްވާ ޖާވާގެ ފަޒާ ބަނަކޮށްލައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މައުންޓް ސެމޭރޫއިން ބޭރުވާ ދުމާއި އަޅި، 5.6 ކިލޯމީޓަރު މައްޗަށް އަރައިގެންދެއެވެ. ނަމަވެސް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމުގެ އަމުރެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވި ކަމުގެ ރިޕޯޓެއްވެސް ލިބިފައެއް ނުވެއެވެ.

ކަން މިހެން އޮތް ނަމަވެސް، ފަރުބަދައިގެ އަރިމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، އަލިފާން ފަރުބަދައިގެ ހަރަކާތްތަކަށް ސަމާލުވެ ތިބުމަށް، އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީ (އެންޑީއެމްއޭ) އިން ވަނީ އިންޒާރު ކޮށްފައެވެ.

ކޫރާ ކޮބޮކާންއޭ ކިއާ ސަރަހައްދުގެ ރަށްވެހިން ސަމާލުވުމަށްވެސް އަމުރެއް ވަނީ ނެރެފައެވެ. އެ އަމުރުގައި ބުނެފައި ވަނީ، އަލިފާން ފަދަރުބައިން ބޭރުވާ މާއްދަތަކުގެ ސަބަބުން އިންތިހާއަށް ވިއްސާރަ ކޮށް، ޗަކަ ފޭބުމުގެ ހާދިސާއާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

މައުންޓް ސެމޭރޫ އަލިފާން ފަރުބަދަ ގޮވާފައި ވަނީ އިންޑޮނޭޝިއާ ގަޑިން އިއްޔެ 17:24 ހާއިރުއެވެ. މި ފަރުބަދައަކީ ޖާވާގައި ހުރި އެންމެ އުސް، އަލިފާން ފަރުބަދައެވެ. އަދި އެންމެ ހަރަކާތްތެރިވި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ވެސް ގުނާ ލެވޭ ފަރުބަދައެކެވެ. ޑިސެމްބަރު މަހުވެސް މި އަލިފާން ފަރުބަދަ ވަނި ގޮވާފައެވެ. އެ ފަހަރު 550 އެއްހާ މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރިއެވެ.

މިއީ އިންޑޮނޭޝިއާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

އިންޑޮނޭޝީއާގެ ޖަކާޓާ ބޭއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182 ގެ ބައެއް / ފޮޓޯ: ޓްވިޓާ

މިދިޔަ ހަފުތާއަކީ އިންޑޮނޭޝިއާއަށް ހިތާމަވެރި ހާދިސާތަކެއް ކުރިމަތިވި ހަފުތާއެކެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގިއެވެ. ސުލަވެސީ އައިލަންޑަށް ބާރުގަދަ ބިން ހެލުމެއް އައެވެ. އަދި 62 މީހުންނާއެކު އުދުއްސާލި ސްރީވިޖަޔާ އެއާގެ މަތިންދާ ބޯޓެއް ވެއްޓުނު ހިތާމަވެރި ހާދިސާވެސް ހިނގިއެވެ.