ޕީޕީއެމްގެ ފަރާތުން ގއ. ދެއްވަދޫ ރައްޔިތުންނަށް 4،000 ފޭސް މާސްކު ހަދިޔާކޮށްފިއެވެ.

ޕީޕީއެމްގެ ފަރާތުން އެ ރަށުގެ ރައްޔިތުންނަށް ހަދިޔާކުރި އެ ފޭސްކް މާސްކްތައް ހަވާލުކޮށްދެއްވީ އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ. އަދިމި ތަކެއްޗާއި ހަވާލުވެލެއްވީ ދެއްވަދޫ ޕީޕީއެމް/ޕީއެންސީ ސްޓިއަރިން ކޮމިޓީގެ ޓްރެޝަރާ ތައުހީދު ސަލީމެވެ.

މިއީ ޕީޕީއެމް އާއި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ދެއްވަދޫއިން މިއަދު ވެސް އިތުރު 11 މީހުން ޕޮޒިޓިވްވި ކަމަށް އެރަށުގެ ކައުންސިލުން ބުނާ އިރު އެރަށުން ޖުމްލަ 55 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެންމެ ފަހުގެ މައުލޫމާތު ބުނެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް ވަނީ މޮނިޓަރިން އަށް ލައިފައެވެ. އެއީ އެރަށުގެ އިތުރުން އެއަތޮޅު ވިލިނގިލި، ދާންދޫ، ލ. ގަން އަދި ލ. ފޮނަދޫއެވެ.

ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ.