ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމް ކެންޑިޑޭޓުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލް ކުރުމުން އެ ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ކަށަވަރު ވެއްޖެއެވެ.

ކައުންސިލް އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކޮށް އޭނާ އަށް އީސީއިން ފޮނުވި ސިޓީގައި ބުނީ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބާގައި ހުންނަން ޖެހޭ ޝަތުރު، ހަސަން މޫސާގެ ކިބާގައި ފުރިހަމަ ނުވާކަމަށް ފ. ބިލެތްދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ ކަމަށެވެ.

ހަސަން މޫސާގެ ކިބައިގައި އެ ޝަތުރުތައް ހަމަނުވާ ކަމަށް އީސީއަށް ހުށަހަޅާފައި ވާ ލިޔުންތަކުންވެސް ސާބިތުވާ ކަމަށް އީސީން ބުނެއެވެ.

އެހެންކަމުން ލޯކަލް ކައުންސިލް ތަކުގެެ އިންތިހާބުގެ ގަވާއިދުގެ 65 ވަނަ މާއްދާއިން އެ ކޮމިޝަނަށް ލިބޭ ގާނޫނީ ބާރުގެ ދަށުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކޮށްފައިވާ ކަމަށް އޭނާއަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ. އަދި އެގޮތަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް އެސިޓީގައި ބަޔާންކޮށްފައި ވެއެވެ.

ހަސަން މޫސާ އިންތިހާބަށް ކުރިމަތިލާފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައެވެ. އެނާގެ ކެންޑިޑެސީ ބާތިލް ކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރީހާނަށް ކަށަވަރުވެފައި ވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އެހެން ކެންޑިޑޭޓަކު ވާދަ ނުކުރާތީއެވެ.