ހުދުމުހުތާރު ކޮމިއުނިސްޓް ވެރިކަމެއް ކުރަމުން އަންނަ ޗައިނާގެ ސަރުކާރުން، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާފައި ވާ ކަމަށް ބުނެވިދާނެ ކަމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވާލި އާ ރިޕޯޓެއް ބުނެފިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ އެގްޒެކެޓިވް ކޮމިޝަން އޮން ޗައިނާ (ސީއީސީސީ) އިން އާންމު ކުރި ރިޕޯޓްގައި ބުނެފައި ވަނީ، އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގާފައި ވާ ކަމަށާ، ގަތުލުއާންމެކޭ ވެސް ބުނެވިދާ ދަރަޖައަށް ކަންކަން ގޯސްވެފައި ވާ ކަމަށް ބުނެވޭ ވަރުގެ އާ ހެކި، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައި ވާ ކަމަށެވެ.

ޗައިނާގެ ޝީންޖިއާންގްގައި ދިރިއުޅެމުން އަންނަ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ލާއިންސާނީ ޖަރީމާ ހިންގާ ވާހަކައަކީ މިފަހަކަށް އައިސް އާންމު ވާހަކައެކެވެ. މިކަމަށް ބާރުދޭ އެކި ޒާތްޒާތުގެ ހެކިތައް، ސިލްސިލާ ގޮތެއްގައި ދަނީ ފެންމަތިވަމުންނެވެ.

އެމެރިކާގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މީހުންނަށްވެސް ޗައިނާއިން ފުރައްސާރަ ކުރާ ކަމަށް ސީއީސީސީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ސީއީސީސީގެ ކޯ-ޗެއާ، އަދި ޑިމޮކްރަޓިކް ރެޕްރެޒެންޓޭޓިވް ޖިމް މެކްގަވާން ވިދާޅުވީ، ފާއިތުވީ އަހަރު، އިންސާނީ ހައްގުތައް ފުނޑުފުނޑު ކުރުމަށް ޗައިނާއިން އެޅި ފިޔަވަޅުތަކަކީ ތާރީހު ދެކެފައި ނުވާ ފަދަ، ސިހުން ގެނުވަނިވި ފިޔަވަޅުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ޖޯ ބައިޑަންގެ ސަރުކާރާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން، ޗައިނާގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވެސް މެކްގަވާން ވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ މަގާމަށް ޗައިނާ ފައިވިއްދައިގެން އޮވެމެ، އެ ގައުމުގައި ޗައިނާގެ ސަރުކާރުން ގަތުލުއާންމު ހިންގުން ވާނީ ލަދުވެތި އަމަލަކަށެވެ. ޗައިނާއަކީ އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރެއްވެސްމެއެވެ.