ޕީޕަލްސް ނެޝަންލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު 03:00 އިރު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

މުންދު މިއަދު 03:00 އިރު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަން "ދަ ޕްރެސް" އަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅޭގޮތުން ކަމަށް އެ ޕާޓީން ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅޭގޮތުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ތަހުގީގު ކުރަމުންދާ އެކި މައްސަލަތަކާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުގެ އިސް ފަރާތްތަކުން ފުލުހަށް ހާޒިރުވާން އަންގާފައެވެ.

އެގޮތުން ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ޕީޕީއެމް އިން އެއްވުންތައް ބޭއްވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އެތައް ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށްފައެވެ.