އިންޑިއާއާއި ޖަޕާނާއެކު ސްރީލަންކާއިން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ޕްރޮޖެކްޓައިގެން ކުރިއަށް ދިއުމަށް ނިންމާފައި ވާ ކަން، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.

އިންޑިއާއާއި ޖަޕާނާއެކު ސްރީލަންކާއިން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ޕްރޮޖެކްޓަކީ، ކޮލަމްބޯ ހާބަރު ސަރަހައްދުގައި ޑީޕް-ސީ ޓާމިނަލެއް ތަރައްގީ ކުރުމަށް އެކުލަވާލާފައި އޮތް އެއްބަސްވުމެކެވެ.

ޑީޕް-ސީ ޓާމިނަލް ތަރައްގީ ކުރާ ސަރަހައްދު އޮންނަނީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމު ދިފާއު ކުރުމަށް ފައި ވިއްދައިގެން އޮތް އިންޑިއާގެ ސަރަހައްދީ އަދުއްވު ކަމުގައި ޗައިނާއިން ލަންކާގައި އޮޕަރޭޓްކުރާ 500 މިލިއަން ޑޮލަރުގެ ކޮންޓޭނަރު-ޖެޓީއާ ޖެހިގެންނެވެ.

އިންޑިއާ، ޖަޕާން އަދި ސްރީލަންކާ ބައިވެރިވާ އީސްޓް ކޮންޓޭނާ ޓާމިނަލް (އީސީޓީ)ގެ މަސައްކަތް، ލަންކާގެ ކުރީގެ ސަރުކާރުން މަޑުޖައްސާލާފައި އޮތީ ވިޔަފާރިވެރިންގެ އިއްތިހާދުން އެކަމާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. ނަމަވެސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ، މިމަޝްރޫއު ކުރިއަށް ގެންދަވާނެކަން އިއުލާން ކުރައްވާފައެވެ.

ގޮތަބާޔާ ރާޖަޕަކްސަގެ އޮފީހުން ބުނީ، މި މަޝްރޫއާއިގެން ކުރިއަށް ދިއުމަށް ރުހުން ދީފައި ވާނީ، ސަރަހައްދީ ފެންވަރުގައި އޮތް ޖިއޮގްރަފިކް އިސްތިރާޖީ ކަންބޮޑުވުންތައް މުރާޖާ ކުރުމަށް ފަހުގައި ކަމަށެވެ. މި ހާލަތުގައި ލަންކާއިން އިޝާރާތް ކުރާ ޖިއޮގްރަފިކް އިސްތިރާޖީ ކަންބޮޑުވުމަކީ، ބަނދަރު ސަރަހައްދުގައި ޗައިނާއިން އަދާ ކުރަމުން އަންނަ ދައުރާ މެދު އިންޑިއާއިން އުފައްދަމުންދާ ނުތަނަވަސް ކަމެވެ.

3 ގައުމު ބައިވެރިވެގެން ކޮލަމްބޯ ހާބަރު ސަރަހައްދުގައި ތަރައްގީ ކުރާ ޑީޕް-ސީ ޓާމިނަލްގެ 51 ޕަސެންޓް ހިއްސާ ކުރާނީ ލަންކާ ސަރުކާރުންނެވެ. އަނެއް 49 ޕަސެންޓަކީ އިންޑިއާގެ އަދާނީ ގުރޫޕާއި ޖަޕާން ފަދަ އެހެންވެސް ސްޓޭކްހޯލްޑަރުންގެ ހިއްސާއެވެ.

މި މަޝްރޫއުގެ ފަހުމު ނާމާގައި، ސްރީލަންކާގެ ސަރުކާރާއި، އިންޑިއާ އަދި ޖަޕާނާއެކު، ލަންކާގެ ދައުލަތުން ހިންގާ ސްރީލަންކާ ޕޯޓްސް އޮތޯރިޓީ (އެސްއެލްޕީއޭ) އިން ސޮއި ކުރީ 2019 ވަނަ އަހަރުގެ މެއި މަހުއެވެ.