ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، އަރުމީނިއާގެ ރައީސް އާމެން ސާކިސިއާންއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އަރުމީނިއާގެ ރައީސްގެ އެސިސްޓަންޓް، ހަސްމިކް ޕެޓްރޯސިޔާން ވިދާޅުވީ، އާ އަހަރު ފެށުނު ބަންދުގައި ސާކިސިއާން ހުންނެވީ އިނގިރޭސިވިލާތުގެ ލަންޑަންގައި ކަމަށެވެ. އެއީ ކާފަ ދަރިންނަށް ޒިޔާރަތް ކުރެއްވުމަށް ކަމަށާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ ހޯމަ ދުވަހު ކަމަށްވެސް ޕެޓްރޯސިޔާން ވިދާޅުވިއެވެ.

ޕެޓްރޯސިޔާން ވިދާޅުވީ އަރުމީނިއާގެ ރައީސްގެ ހާލުކޮޅު ދެރަ ކަމަށާ، ނިއުމޯނިއާގެ ތަކުލީފުތައްވެސް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. ކޮވިޑް-19ގެ އަލާމާތްތައް، ރައީސްގެ ހަށިކޮޅުން ފެންނަމުން ދާ ކަމަށާ، ހުންވެސް ވަރަށް ގަދަ ކަމަށް ޕެޓްރޯސިޔާން ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ ލަންޑަންގައި ރެކޯޑް އަދަދުތަކުން ކޮވިޑް-19ގެ އިންފެކްޝަން ފެތުރެމުން އަންނަ ދަނޑިވަޅެކެވެ. އަދި މިކަން ކޯންޓްރޯލް ކުރުމަށް ލަންޑަންގައި ދަނީ ހަރުކަށި ފިޔަވަޅިތަކެއްވެސް ތަންފީޒު ކުރަމުންނެވެ. ހަމަ އެހެންމެ މި ވަގުތަކީ އިނގިރޭސިވިލާތުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ދައުރުވާކަން ފާޙަގަ ކުރެވިފައި ވާ ވަގުތެކެވެ. މި ވޭރިއަންޓާ ގުޅޭ މާ ބޮޑު ތަފްސީލުތަކެއް، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. އެނގޭހަވެސް ކަމަކީ، މިއީ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓެއް ކަމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 އަށް ވުރެ ގިނަ ގައުމުން މި ވޭރިއަންޓްގެ އަސަރު ފެނިފައި ވާ ކަމެވެ.