މަސްތުވާ އެއްޗެހި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފައިބައިފައި ވާ ފުންމިން ދައްކުވައި ދީފި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވަތަކެތީގެ މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ. އުމަރު ވިދާޅުވީ، މި މައްސަލައިން މި ދައްކުވައި ދެނީ މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފައިބައިފައި ވާ ފުންމިން ކަމަށެވެ. އަދި އޭގެ ސަބަބުން ގާނޫނު ތަކުގެ ބާރު ކެނޑިފައިވާ މިންވަރު ވެސް ފެނިގެން ދާ ކަމަށް އުމަރު ވިދާޅުވިއެވެ.

މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ކަނޑާލާ، މި ދައުލަތް ސަލާމަތް ކުރެވޭނީ ގައުމަށް އިހްލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ގާއިމް ކުރެވިގެން ކަމަށާއި އިރާދަ ކުރެއްވިއްޔާ އެ ދުވަސް ދިވެހިންނަށް ފެންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މަސްތުވާ އެއްޗެހީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖުތަމައެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގދ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވަތަކެތީގެ މައްސަލަ ގދ ގައްދޫ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ނަމަވެސް، މި މައްސަލާގައި ޕީޖީން މިއަދު ނިންމީ މަތީ ކޯޓެއްގައި އިސްތިއުނާފު ނުކުރުމަށެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ މި ނިންމުމާ ގުޅިގެން އަދި މި މައްސަލާގައި އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެ އޮފީހުން އަޅަމުން ގެންދާނެ ކަމަށެވެ.

ހުޅުވާރުލުން ފެނުނު 149 ކިލޯގެ ޑްރަގްގެ މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައި ވަނީ އިޖުރާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދައުވާ ބޭރުކޮށްލީ ދައުވާކުރަން ގާނޫނުގައި ބަޔާން ކުރާ މުއްދަތު ހަމަވި ފަހުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީއެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރު ކޮށް، ހައްޔަރުގައި ބައިތިއްބައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުނެއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ 5 މީހަކަށެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައި ވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދައުވާ ކުރި މީހުންނަކީ:

  • ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)
  • ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)
  • ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)
  • ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30)
  • ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23)

ކަނޑުމަގުން އެތެރެ ކޮށްފައި ވާ ކަމަށް ބެލެވޭ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕްރޭޝަނެއް ގައެވެ.

ފުލުހުން މިތަކެތި ހޯދުމަށް ހިންގި އޮޕްރޭޝަން 3 ދުވަސް ވާންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް ބަލާފައިި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.