ޕާކިސްތާނަކީ އަދިވެސް ޓެރަރިޒަމް ބަލައިގަންނަ ގައުމެއް ކަމަށާ، ދައުލަތުގެ ސިޔާސަތެއްގެ ގޮތުގައިވެސް ޕާކިސްތާނުގައި ޓެރަރިޒަމް ދެމި އެބައޮތް ކަމަށް އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް މަނޯޖު މުކުންދު ނާރާވަނޭ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަކީ ޓެރަރިސްޓް-ނުރައްކަލެއް ކަމުގައި ސިފަކުރައްވަމުން އިންޑިއާގެ އަސްކަރީ އޮފިޝަލު ވިދާޅުވީ، އެ ފަދަ ހަމަލާއަކަށް، އިންޑިއާ އިހުތިޔާރު ކުރާ ގޮތަކަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު، އިންޑިއާއަށް ލިބިފައި ވާ ކަމަށެވެ. އަދި އިންޑިއާއިން މިކަން ސާފުކޮށް އަންގައިދީފައި ވާނެ ކަމަށްވެސް ޖެނެރަލް ނާރާވެނޭ ވަނީ ވިދާޅުވެފައެވެ.

ޖެނެރަލް ނާރާވަނޭ ވިދާޅުވީ ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާއިން ގެންގުޅޭނީ "ޒީރޯ-ޓޮލަރެންސް"ގެ ފަލްސަފާ ކަމަށެވެ.

އިންޑިއާއާއި ޒަމާންވީ ހަތުރު، ޗައިނާ ހިއްސާކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ބޯޑަރު ސަރަހައްދުގައި ނުތަނަވަސް ވެފައިވާ މަސްރަހަށް އިޝާރާތް ކުރައްވަމުން ޖެނެރަލް ނާރާވަނޭ ވިދާޅުވީ، އިންޑިއާގެ އުތުރު ބޯޑަރު ސަރަހައްދު އޮތީ މަތީ ފަންތީގެ އެލާޓުގައި ކަމަށެވެ.

އުތުރު ބޯޑަރު ސަރަހައްދުގެ ނުތަނަވަސްކަމަށް ސުލްހަވެރި ހައްލަކަށް އުއްމީދު ކުރައްވާ ކަމަށާ، ނަމަވެސް ކުރިމަތިލާންޖެހިއްޖެ ކޮންމެ ހާދިސާއަކަށްވެސް އިންޑިއާ އޮތީ ތައްޔާރަށް ކަމުގެ އިންޒާރުވެސް އިންޑިއާގެ އަސްކަރީ އޮފިޝަލު ވަނީ ދެއްވާފައެވެ.

ޖެނެރަލް ނާރާވަނޭ ވިދާޅުވީ އިންޑިއާއާއި ޗައިނާއާ ދެމެދު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގެ 8 ވަނަ ބުރުގެ މަޝްވަރާތައް ނިންމާލާފައިވާ ކަމަށާ، އިތުރު ބުރެއް ކުރިއަށް ވެސް އެބައޮތް ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާއަށް ކުރިމަތިލާން ޖެހިފައި ވަނީ މައިގަނޑު 2 ގޮންޖެހުމެއް ކަމަށް ނާރާވަނޭ ވިދާޅުވިއެވެ. އެއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާއި ޗައިނާ މަޝްހޫލުވާ އުތުރު ބޯޑަރުގެ ގޮންޖެހުންތައް ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.

މި މޭރުމުން ޖެނެރަލް ނާރާވަނޭ ވިދާޅުވީ، ޕާކިސްތާނާއި ޗައިނާ އެކުވުމުން އުފެދނީ ނުރައްކަލެއް ކަމަށާ، މި ގުޅުމުގައި ވާ ސިއްރު ކަންކަމަކީވެސް އޮއްބާލެވެން އޮތް ކަންކަމެއް ނޫން ކަމަށެވެ.

ނިމިދިޔަ 2020 ވަނަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން އިންޑިއާއާއި ޗައިނާގެ ނުތަނަވަސްކަން އަސްކަރީ ކުރިމަތިލުމަކަށްވެސް ބަދަލު ވެފައި ވާއިރު، އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ދެބަސްވުންތަކަށްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ.