މެލޭޝިއާގެ ރަސްގެފާނު ސުލްތޯން އަބްދުﷲ އަހުމަދު ޝަހް، އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފިއެވެ.

އޯގަސްޓް 1، 2021ގެ ނިޔަލަށް މެލޭޝިއާގައި ކުއްލި ނުރައްކާ އިއުލާން ކުރެއްވުމަށް އެ ގައުމުގެ ރަސްގެފާނު ނިންމެވީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކަމަށް ހަބަރު ލިބެއެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރެވި، ކޭސް ނަމްބަރުތަށް ދަށަށް ދާނަމަ، އޯގަސްޓް 1 ވަނަ ދުވަހުގެ ކުރިންވެސް ކުއްލި ހާލަތުގެ އަމުރު އުވާލުން އެކަށީގެންވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރުވެސް މޫވްމަންޓް ކޮންޓްރޯލް އޯޑަރު ތަންފީޒު ކުރަމުން އަންނަ މެލޭޝިއާއިން ހޯމަ ދުވަހު 2000 އަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.

އަދި އިނގިރޭސިވިލާތުން ރިޕޯޓް ކުރި އާ ވޭރިއަންޓްގެ ކޭސްތަކެއްވެސް އެ ގައުމުން ވަނީ ހޯމަ ދުވަހު ރިޕޯޓް ކޮށްފައެވެ. މިއީ މެލޭޝިއާގައިވެސް މި ވޭރިއަންޓް އޮތްކަން ކަށަވަރުކޮށް، އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

ބަލިމަޑުކަމުގެ އިތުރު ރާޅަކާ ދިމާއަށް މިސްރާބު ޖަހާފައިވާ މެލޭޝިއާގެ ވަޒީރުންގެ މަޖިލީހުން، 4 ދުވަހުގެ ތެރޭގައި 3 ވަޒީރަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.