ފަޅަށް ކުނި އެޅި މައްސަލައެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ވެމްކޯ ޖޫރިމަނާކޮށްފައި ވަނީ ކުނި ނައްތާލުމުގެ ތެރޭގައި ވެމްކޯއިން ތަކުރާރުކޮށް ފަޅަށް ކުނި އެޅުމުގެ މައްސަލާގައި ކަމަށެވެ.

އެގޮތުން އިއްޔެ ވެމްކޯ 1.13 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

އީޕީއޭ އަންނަނީ ގަވައިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންނެވެ.

އެގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގެ ބޭނުމަށް ބ. ދިގުފަރުން ގަވަައިދާ ހިލާފަށް ވެލި ނެގުމުން އެ ރިސޯޓު ހިންގާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 83،750 ރުފިޔާއިން ޖޫރިމާނާ ކުރިއެވެ.

އޭގެ އިތުރުން މިދިޔަ މަހު ނ. މަނަދޫން އަލަށް ދޫކޮށްފައިވާ ގޯތިތައް ރައްޔިތުންނާ ހަވާލުކުރުމުގެ ކުރިން ސާފުކުރި އިރު، ގަވާއިދާ ހިލާފަށް ރުއްގަސް ނެގި ކަމަށް ބުނެ އެ ރަށު ކައުންސިލް 20،000 ރުފިޔާ އިން ޖޫރިމަނާ ކުރިއެވެ.