ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބައޮޓެކްނޮލޮޖީ ކުންފުނި، މޮޑާނާއިން ތަރައްގީ ކޮށްފައި ވާ ވެކްސިނަކީ، އަހަރެއްހާ ދުވަހަށް ދިފާއު ލިއްބައިދެނިވި ވެކްސިނެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

39 ވަނަ ޖޭޕީ މޯގަން އެނުއަލް ހެލްތުކެއާ ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޮޑާނާގެ ޗީފް މެޑިކަލް އޮފިސާ ޓެލް ޒެކްސް ވިދާޅުވީ، އުއްމީދަކީ އެންމެ މަދުވެގެން 1 އަހަރު ދުވަހުގެ މުއްދަތަށް ދިފާއު ލިއްބައިދިނުން ކަމަށެވެ.

މޮޑާނާގ ވެކްސިނަކީ، ކޮވިޑް-19އިން ދިފާއުވުމަށް، ދުނިޔޭގެ އެކި ހިސާބުތަކުގައި އާންމު އުސޫލުން ބޭނުން ކުރަމުން އަންނަ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ހުއްދަ ދިފައިވާ 2 ވެކްސިންގެ ތެރޭގައިވެސް މޮޑާނާގެ ވެކްސިން ހިމެނެއެވެ.

ޒަކްސް ވިދާޅުވީ، 3 ވަނަ ޑޯޒްއެއް ދީގެން، ދިފާއު ލިބޭ މުއްދަތު އިތުރު ކުރެވިދާނެތޯ ޓެސްޓުތަކެއް ހަދަންޖެހޭ ކަމަށެވެ.

މޮޑާނާގެ ވެކްސިން ފުރިހަމަ ކުރުމަށް މިވަގުތަށް ކަނޑައަޅާފައި ވަނީ 2 ޑޯޒްއެވެ. ނަމަވެސް، ހައި-ރިސްކު މީހުންނަށް އިތުރު ބޫސްޓާ ޑޯޒްއެއް ދިނުމަށް ފުރުސަތު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ޒަކްސް ވަނީ ވިދާޅުވެފައެވެ.

މޮޑާނާގެ ވެކްސިނަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްފައިވާ ވެކްސިނެކެވެ. ނަމަވެސް ކުޑަކުދިންނަށް ވެކްސިން ދިނުމާ ގުޅޭ ތަހުލީލުތަކެއް އިޝާރާތެއް އެ ކުންފުނިން ވަނީ ކޮށްފައެވެ.