އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީއިން މިހާރުވެސް ދަނީ، މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޖަކާޓާ ބޭ ސަރަހައްދަށް ވެއްޓުނު ސްރީވިޖަޔާ އެއާ ފްލައިޓް 182 އިން ދަތުރު ކުރި 62 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕޮންޓިއާނާކަށް ދަތުރު ކުރަމުން ދިޔަ ބޮއިންގް 737-500 މަރުކާގެ، 27 އަކަށް އަހަރުވީ ފްލައިޓް އުދުއްސާލި މާ ގިނައިރުތަކެއް ނުވެ މަސްރަހު ބަދަލުވިއެވެ. ފްލައިޓާ އެންމެ ފަހުން މުއާމަލާތު ކުރެވުނީ އިންޑޮނޭޝިއާ ގަޑިން މެންދުރުން އަނބުރާ 02:40 ގައެވެ.

ފްލައިޓުން ދަތުރު ކުރި 50 ފަސެންޖަރުންގެ ތެރޭގައި 43 ބޮޑެތި މީހުންނާއި 7 ކުޑަކުދިން ހިމެނެއެވެ. އަނެއް 12 މީހުންނަކީ ކުރޫ މެމްބަރުންނެވެ.

ޖަނަވަރީ 9، 2021 ވަނަ ދުވަހު ވެއްޓުނު ފްލައިޓް އެސްޖޭވައި 182 ގެ ބައިތައް އެއްގަމަށް ނެގުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އެންވައިޓީ

މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ގެންނަ ހަށިގަނޑުތައް ދެނެގަނެ، އެއީ ކާކުކަން ވަކި ކުރުމުގެ މަސައްކަތަށް ހާއްސަ ކޮށްފައި ވާ ކްރައިސިސް ސެންޓަރުގައި އާއިލާ މީހުން ތިބީ ކެތް މަދުވެފައެވެ.

އަގޫސް މިނާރްނީއާއި މުޙައްމަދު ނޫރު ހަލީފަތުލް އަމީން

ދެމަފިރިން ކަމަށް ވާ އަގޫސް މިނާރްނީއާއި މުޙައްމަދު ނޫރު ހަލީފަތުލް އަމީން، ޖާވާއަށް ދަތުރު ކުރީ އަމީންގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށެވެ.

ޖަނަވަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓުން ދަތުރު ކުރި ދެމަފިރިން ކަމަށްވާ އަގޫސް މިނާރްނީއާއި މުޙައްމަދު ނޫރު ހަލީފަތުލް އަމީން / ފޮޓޯ: ޔުދިއަންސިޔާހް ޔޫނުސް

ޖަނާޒާ ކުރިއަށްދިޔަ ސަރަހައްދަކީ، މި ދެމަފިރިންގެ 2 ފިރިހެން ދަރިންވެސް ބޯޑިންގް ސްކޫލް އުސޫލުން ދިރިއުޅެމުން އަންނަ ސަރަހައްދުވެސްމެއެވެ. މިނާރްނީއަށް ބޮޑުދައިތަ ކިއާ ކުއްޖަކުވެސް ހަމަ އެ ސްކޫލަށް ވައްދައިދިނުމަށް، އޭނާގެ އަޚު ޔުދިއަންސިޔާހް ޔޫނުސް އެދުނެވެ. އެއީ އެ ދެބެންނަށް އެންމެ ފަހުން ވާހަކަ ދެއްކުނު ފަހަރު ކަމަށް ޔޫނުސް ބުނެއެވެ.

މިނާރްނީއާއި އޭނާގެ ފިރިމީހާ، އެނބުރި އަމިއްލަ ގެއަށް ދާން އޮތީ ޖަނަވަރީ 5 ވަނަ ދުވަހަށް ޝެޑިއުލްކޮށްފައި އޮތް، ނާމް އެއާގެ ފްލައިޓެއްގައި ކަމަށް ޔޫނުސް ބުންޏެވެ. ނަމަވެސް އެ ފްލައިޓަށް އެރޭ ގޮތް ނުވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމުން، އެ އެއާލައިނުން ޕީސީއާރް ޓެސްޓު ހެދުމަށް ޑިމާންޑް ކުރުމުންނެވެ.

ޕީސީއާރް ޓެސްޓު ހަދާ، ނަތީޖާ ލިބުމަށް 2 ދުވަހެއް ވަރު ހޭދަވިއެވެ. އަދި މިނާރްނީއާއި އޭނާގެ ފިރިމީހާއަށް ގެއަށް ދެވެން އޮތީ އެހެން އެއާލައިނަކުންނެވެ. އެއީ ސްރީވިޖަޔާ އެއާއެވެ.

ޖަނަވަރީ 9، 2021 ވަނަ ދުވަހު ވެއްޓުނު ފްލައިޓް އެސްޖޭވައި 182 އިން ދަތުރު ކުރި މީހުންގެ އާއިލާ މެމްބަރުން ހިތާމަ ފާޅު ކުރަނީ / ފޮޓޯ: ބިޒްނަސް ސްޓޭންޑަޑް

ޔޫނުސް ބުނި ގޮތުގައި އޭނާގެ އުޚުތާގެ ވަކިވެދިއުމަކީ ހިތުގައި ފޫނުބެދޭ ވަރުގެ ބާގަނޑެއް އުފައްދާލި ހާދިސާއެކެވެ. މިނާރްނީއަކީ އާއިލާގެ ހުރިހާ މެމްބަރުންނަށްވެސް ހިތްހެޔޮ، އޯގާތެރިއެއް ކަމަށް ޔޫނުސް ބުނެއެވެ. އަދި އެ މިނާރްނީގެ ޔަތީމްވެފައިވާ ފުރާވަރު އުމުރުގެ 2 ދަރިންގެ ހުރިހާ ޒިންމާއަކާ ހަވާލު ވީ އޭނާ ކަމަށްވެސް ޔޫނުސް ވަނީ ބުނެފައެވެ.

ހާދިސާގެ ފުރިހަމަ ތަހުގީގެއް އިންތިޒާރުގައި ހުރި ޔޫނުސްގެ މިހާރުގެ އުއްމީދަކީ، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް، ކޮންމެ ހާލެއްގައި އޮތް ނަމަވެސް މިނާރްނީގެ ހަށިގަނޑު އާއިލާއަށް ލިބުމެވެ.

ޓްރާންސިޓް ކުރަމުންދިޔަ 5 މެމްބަރުންގެ އާއިލާ

ސުމާޓްރާގެ އިރުން އޮންނަ ބަންގްކާ އައިލަންޑަށް ނިސްބަތްވާ 5 މެމްބަރުންގެ އާއިލާއަކީވެސް ހޮނިހިރު ދުވަހުގެ ހިތާމަވެރި ހާދިސާއަށްފަހު އަދާ ޖެހުނުއިރުވެސް ވީނުވީއެއް ނޭނގި، ގެއްލިފައި ވާ، އަދި މިހާރު މަރުވެދާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.

ޖަނަވަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓުން ދަތުރު ކުރި ރިޒްކީ ވަހްޔޫދީގެ ދެމަފިރިންނާއި ދަރިފުޅު / ފޮޓޯ: އެލްސާ | ސީއެންއެން

އުމުރުން 26 އަހަރު ރިޒްކީ ވަހްޔޫދީއާއި އޭނާގެ 26 އަހަރުގެ އަނބިމީހާ، އިންދާހް ހަލީމާ ޕުތުރީއާއި އެ ދެމަރިފިންގެ 7 މަހުގެ ތުއްތު ދަރިފުޅު ދަތުރުކުރީ ވެއްޓުނު ފްލައިޓުންނެވެ. ވަހްޔޫދީގެ މަންމައާއި، އޭނާއާ ދެބެންގެ ދެދަރި ކުއްޖެއްވެސް އެ ފްލައިޓްގައި އިނެކެވެ.

މި ދަތުރަކީ އާއިލާ މެމްބަރުންތަކެއްގެ ގާތަށް ކުރި ޒިޔާރަތެކެވެ. ވަހްޔޫދީގެ 2 ބޮޑުބޭބެއެއް ވަނީ، ޑީއެންއޭ ސާމްޕަލް މެދުވެރިކޮށް ހަށިގަނޑު ދެނެގަތުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، އިންޑޮނޭޝިއާގެ ކަމާ ވެހޭ ފަރާތްތަކަށް ސާމްޕަލް ދީފައެވެ.

މާބަނޑު މަންމައާއި އޭނާގެ އާއިލާ

ރާތީ ވިންދާނިއާގެ ބަނޑަށް 4 މަހެވެ. 2 އަހަރުގެ ދަރިފުޅާ، އޭނާއަށް ބޮޑުދައިތަ ކިއާ އަތަރު ރިޒްކީ ރިއާވަންއާއި، ބޮޑު ބޭބެ ޓޯނީ އިސްމާއީލްއާއި، ބޮޑުދައިތަ ރަހުމާވާތީއާއެކު ރާތީ ކުރަމުން ދިޔަ ދަތުރަކީވެސް އާއިލާ މެމްބަރުންނާ ބައްދަލުކޮށްލުމަށް ކުރި ދަތުރެއް ކަމަށް ރިއާވަންގެ ބައްޕަ، އިވާން ބުންޏެވެ.

ޖަނަވަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓުން ދަތުރުކުރި މާބަނޑު ރާތީ ވިންދާނިއާއާއި އޭނާގެ ދަރިފުޅާ ބޮޑުދައިތަ ދަރިފުޅު / ފޮޓޯ: ރާތީ ވިންދާނިއާ ގެ އިސްޓްގްރާމްއިން

ޖަކާޓާގެ ވައިގެ ބަނދަރުން ފުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އިންސްޓަގްރާމްއަށް ދޫކޮށްލި ޕޯސްޓެއްގައި ރާތީ ވަނީ ޖަކާޓާގައި ދިރިއުޅޭ އޭނާގެ އާއިލާގެ މެމްބަރުން އަލްވަދާއު ކިއާފައެވެ. ބޯޓު އުދުއްސާލުމުގެ ކުޑަ ވަގުތު ކޮޅުން ރާތީގެ ދެމައިންނާއި ބޮޑުދައިތަ ދަރިފުޅާއެކު ނަގާފައިވާ އުފާވެރި ފޮޓޯއެއްވެސް ރާތީ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

ފްލައިޓް ކެޕްޓަނަކީ ކާކު؟

މަތިންދާ ބޯޓެއް ވެއްޓޭ ހަބަރު ލިބޭ ކޮންމެ ފަހަރަކު ގިނަ ބައެއްގެ ސަމާލުކަން އެންމެ ފުރަތަމަ ހުއްޓޭ އެކަކީ އެ ފްލައިޓް ދުއްވަން އިން މީހާ ކަމާ މެދަކު ޝައްކެއް ނެތެވެ.

ސްރީވިޖިޔާ އެއާގެ ފްލައިޓް ދުއްވަން އިން އަފްވާން (އިންޑޮނޭޝިއާގައި ގިނަ މީހުންނަށް އާންމު ކޮށް ކިއަނީ 1 ނަން) އަކީ، ކުރިން ވައިގެ އަސްކަރިއްޔާގައި އުދުހުނު ޕައިލެޓެކެވެ. އާއިލާގެ މެމްބަރުން ސިފަ ކުރި ގޮތުގައި އަފްވާންއަކީ ދީންވެރި، ވަރަށް ހެޔޮލަފާ މީހެކެވެ.

ޖަނަވަރީ 9، 2021 ވަނަ ދުވަހު އިންޑޮނޭޝިއާއަށް ވެއްޓުނު ސްރީވިޖަޔާ އެއާގެ ފްލައިޓް ކެޕްޓަން އަފްވާން / ފައިލް ފޮޓޯ: ބްރޭކިންގް ނިއުސް ޓުޑޭ

އަފްވާންއަށް ބޮޑު ބޭބެ ކިއާ ފިރުޒާ މަހަރުދިކާ ބުނީ، އަފްވާންއަކީ އޭނާގެ އަވަށްޓެރިންގެ މެދުގައިވެސް ފާހަގަ ކުރެވޭ މީހެއް ކަމަށެވެ. ގިނަ މީހުން އޭނާ ދަންނަނީ ހިތްހެޔޮ މީހެއްގެ ގޮތުގައި ކަމަށްވެސް ފިރުޒާ ބުންޏެވެ.

އެތައް ބައެއްގެ ލޯބި ލިބިފައިވާ ގިނަ ބަޔަކު ދަތުރު ކުރަމުން ދިޔަ ފްލައިޓު ވެއްޓެން ދިމާވި ގޮތުގެ މާ ބޮޑު ތަފްސީލުތަކެއް އަދިވެސް ނުލިބެއެވެ. އެންމެންގެވެސް އުއްމީދަކަށް ވަނީ، ގެއްލިފައި ވާ އާއިލާގެ މެމްބަރާ ބައްދަލުވުމެވެ. ކޮންމެ ހާލެއްގައި އޮތް ނަމަ ވެސްމެއެވެ.