އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން ޕޮއިންޓިއަނަކްއަށް ދަތުރު ކުރަމުންދަނިކޮށް ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވީނުވީއެއް ނޭނގި ގެއްލުނު ސްރީވިޖަޔާ އެއާ ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދު ހޯދިއްޖެ ކަމަށް އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.
50 ފަސެންޖަރުންނާއި 12 ކުރޫއިންނާއެކު ޖުމުލު 62 މީހުން ގޮވައިގެން ޖަކާޓާއިން އުދުއްސާލި އުދުއްސާލި ސްރީވިޖަޔާ އެއާގެ ފްލައިޓް، އެސްޖޭވައި 182، ރާޑަރުތަކަށް ގެއްލުނީ ދަތުރަށް ފެށިތާ އެންމެ 4 ވަރަކަށް މިނެޓްގެ ތެރޭގައެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ، ކަނޑުގެ އަސްކަރިއްޔާގެ ޑައިވަރުންގެ ޓީމުތަކާއެކު، 10 ބޯޓެއް، ފްލައިޓް ސްޖޭވައި 182 ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގައި އޮޕަރޭޓް ކުރަން ފަށާފައެވެ. އަދި ތަހުގީގު ޓީމުތަކުން މިހާރު ވަނީ، ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތި ދިރާސާ ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
މީހުން ހޯދުމަށް ހިންގި އޮޕަރޭޝަން ރޭގެ ވަގުތެއްގައި މެދުކަނޑާލި ނަމަވެސް، މިއަދު ހެނދުނު މި އޮޕަރޭޝަން އަލުން ފަށާފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ފްލައިޓް އެސްޖޭވައި 182 އަކީ 2019 ވަނަ އަހަރުގެ މާޗް މަހު ގްރައުންޑްކުރި ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓެއް ނޫނެވެ. 27 އަހަރު ވެފައިވާ މި ބޯޓަކީ ބޮއިންގް 737-500 މަރުކާގެ ބޯޓެކެވެ.
ޖަކާޓާގެ ވައިގެ ބަނދަރުން ފްލައިޓް އެސްޖޭވައި 182 އުދުއްސާލީ ހޮނިހިރު ދުވަހު، އިންޑޮނޭޝިއާ ގަޑިން 14:36 (07:36 ޖީއެމްޓީ) ގައެވެ. އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ބޯޓާ އެންމެ ފަހުން ގުޅުނީ 14:40 ގައެވެ. ޕޮއިންޓިއަނަކްއަށް ކުރާ މި ދަތުރުގެ އާންމު ދިގު މިނަކީ 90 މިނެޓެވެ.
އިންޑޮނޭޝިއާގެ ހެޑް އޮފް ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީގެ އެއާ މާޝަލް ބަގޫސް ޕުރުހީޓޯ ވިދާޅުވީ، ހާލުގައި ޖެހިގެން އުޅޭ ކަމުގެ އެއްވެސް ސިގުނަލެއް، ފްލައިޓް އެސްޖޭވައި 182 އިން ދީފައި ނުވާ ކަމަށެވެ.
ނަމަވެސް، ފްލައިޓް ރާސްތާ ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފްލައިޓްރޭޑާ24 އިން ބުނީ، ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182، ޖަކާޓާއިން އުދުއްސާލިތާ 4 ވަރަކަށް މިނެޓް ފަހުން، 1 މިނެޓް އިތުރު ތެރޭގައި 10000 ފޫޓު ތިރިއަށް ވެއްޓުނު ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ، ގޮވުމެއްގެ އަޑު އިވުނު ކަމަށް ރިޕޯޓް ކޮށްފައެވެ.
ބީބީސީއާ ވާހަކަ ދެއްކި ސޯލިހީން ނަމަކަށް ކިއާ މަސްވެރިއަކު ވަނީ، ބޯޓު ވެއްޓުނު މަންޒަރު އޭނާއަށް ފެނުނު ކަމަށާ، އެއާއެކު އޭނާ މަސް ބާނަމުން ދިޔަ ބޯޓުގެ ކައްޕިވެސް އެނބުރި އެއް ގަމަށް އައުމަށް ނިންމީ ކަމަށް ބުނެފައެވެ.
"މަތިންދާ ބޯޓު ވެއްޓިގެން އައީ ކަނޑަށް ހޮނުއެޅި ފަދައިން. ބޯޓު ގޮވީ ފެނުތެރޭގަ. އަހަރަމެން ތިބި ބޯޓާ ވަރަށް ކައިރިއަށް ވެއްޓުނީ. ފްލައިވުޑް ގަނޑެއް ޒާތުގެ އެއްޗެއް ކިރިއާ މި ބޯޓުގަވެސް ނުޖެހުނީ" ސޯލިހީން ބުނި ކަމަށް ބީބީސީއިން ރިޕޯޓް ކޮށްފައި ވެއެވެ.
ފްލައިޓް ވެއްޓުނު ސަރަހައްދުގައި އޮތް ޖަޒީރާ ރަށެއްގެ ރަށްވެހިންވެސް ވަނީ، ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައި ވާ ކަމަށް ރިޕޯޓް ކޮށްފައެވެ.
130 މީހުންގެ ޖާގައިގެ ބޯޓެއް ކަމަކު، ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބީ 62 މީހުންނެވެ. ފަސެންޖަރުންގެ ތެރޭގައި 7 ކުޑަކުދިންނާއި ތުއްތު 3 ކުދިންވެސް ހިމެނެއެވެ. ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާ މެމްބަރުން މަޑުކޮށްގެން ތިބީ ޖަކާޓާގެ ސޮއެކާނޯ-ހައްޓާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށް ހަބަރު ލިބެއެވެ.
ބޮއިންގް 737-500 މަރުކާގެ މި ބޯޓަކީ ރަނގަޅު ހާލަތުގައި އޮތް ބޯޓެއް ކަމަށް ސްރީވިޖަޔާ އެއާގެ ޗީފް އެގްޒެކެޓިވް ޖެފާސަން އާވިން ޖޯވެނާ ވަނީ ނޫސްވެރިންނަށް ވިދާޅުވެފައެވެ. އަދި ބޯޓު ފުރީ، ޝެޑިއުލަށްވުރެ 30 މިނެޓް ލަހުން ކަމަށާ، ފްލައިޓް ޑިލޭ ކުރަން ކުރަން ޖެހުނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށްވެސް ޖޯވެނާ ވަނީ ވިދާޅުވެފައެވެ.
ފްލައިޓް އެސްޖޭވައި 182 ގެއްލުނީ ވެރިރަށް ޖަކާޓާގެ 20 ކިލޯމީޓަރު އުތުރުންނެވެ. އެއީ 2018 ވަނަ އަހަރުވެސް މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާއެއް ހިނގި ސަރަހައްދާ ކައިރި ހިސާބެކެވެ. އެ ފަހަރު ލަޔަން އެއާގެ ފްލައިޓެއް ވެއްޓި، 189 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
2003 ވަނަ އަހަރު އުފެއްދި ސްރީވިޖަޔާ އެއާ އަކީ އިންޑޮނޭޝިއާގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާގެ އެކި މަންޒިލްތަކަށް އުދުހޭ، ބަޖެޓް އެއާލައިނެކެވެ.
މި ކިޔައިގެން އެއްޗެއް އޮޅުމެއް ނުފިލާނެ. ލިޔަން ކިޔަން ނޭނގުނަސް ނޫސް ލިޔަން އުޅެން ވާނެ ކަލޯ