ޏ. ފުވައްމުލަކުން ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިގެން ނެގި ކުއްޖާ އުޅުނީ އެހެން ކުއްޖެއް ސަލާމަތްކުރަން ކަން ހާމަވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު ފައުޒާން ހަސަން ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ ގެއްލުނީ ފުވައްމުލަކު މާނޭރެ އަތިރި މޫދު ސަރަހައްދުންނެވެ. އެ ކުއްޖާ މޫދަށް އެރިފައި ވަނީ އެކުގައި މޫދަށް ދިޔަ އަންހެން ކުއްޖަކު އޮޔާ ދަމައިގަތުމުން، އެ ކުއްޖާ ސަލާމަތް ކުރަންށެވެ. މޫދު އަޑިން އެ ފިރިހެން ކުއްޖާ ނެގީ މުރަކައިގެ ތެރޭގައި ތާށިވެފައި އޮއްވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފައުޒާން މޫދު އަޑިން ފެނިފައި ވަނީ އޭނާ ގެއްލުނުތާ ގަޑިއެއް ހާއިރު ފަހުންނެވެ. މޫދު އަޑިން ފައުޒާން ނެގުމަށް ފަހު އެ ކުއްޖާއަށް ސީޕީއާރް ދިން ކަމަށް ވެސް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދެއެވެ. އެމްބިއުލާންސްގައި ފައުޒާން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ވަނީ އޭނާ މަރުވެފައި ކަން ކަށަވަރު ކޮށްދީފައެވެ.
އެވަގުތު މޫދު ސަރަހައްދުގައި ތިބި މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، އެ ކުދިން އޮޔާ ދަމައިގެންފައި ވަނީ ކުއްލިއަކަށެވެ. ކުއްލިއަކަށް ރާޅު ބޮޑުވެ، އޮއި ގަދަވި ވަގުތު ފައުޒާން މޫދަށް ފުންމާލީ އޮޔާ ދަމައިގަތް އަންހެން ކުއްޖާ ސަލާމަތް ކުރުމަށެވެ. އަންހެން ކުއްޖާ ސަލާމަތް ކޮށް، ފަރު މައްޗަށް އެރުވުމަށްފަހު ފައުޒާން ގެއްލުނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:47 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު އެ ކުއްޖާ ހޯދުމަށް އެ ސަރަހައްދުގައި ފުލުހުންނާއި އެ ރަށު ރައްޔިތުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އެ ކުއްޖާ ފެނިފައި ވަނީ 5:50 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.