ޏ. ފުވައްމުލަކުގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ފެނިފައި ވަނީ މިއަދު ހަވީރު 5:50 ހާއިރު ކަަމަށެވެ. އަދި އޭނާ ފެނުނީ މާނޭރެ އަތިރި ސަރަހައްދުގެ މޫދުގެ އަޑިން ކަަމަށެވެ.

ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ހުއްޖަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:47 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅާފައިކަމަށް ފުލުހުން ބުނެއެވެ. އަދި މައުލޫމާތު ލިބުމާއެކު އެ ކުއްޖާ ހޯދުމަށް އެ ސަރަހައްދުގައި ފުލުހުންނާއި އެ ރަށު ރައްޔިތުން ވަނީ ހަރަކާތްތެރިވެފައެވެ.

މިއަދު ހަވީރު ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައި ވަނީ ގްރޭޑް 10ގައި ކިޔަވަމުންދާ އަހްމަދު ފައުޒާން ހަސަން ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. މިއަދު ހަވީރު އެ ކުއްޖާ މޫދަށް އެރިފައި ވަނީ އެކުގައި މޫދަށް ދިޔަ އަންހެން ކުއްޖަކު އޮޔާ ދަމައިގަތުމުން، އެ ކުއްޖާ ސަލާމަތް ކުރަންށެވެ.

އެވަގުތު މޫދު ސަރަހައްދުގައި ތިބި މީހުން ދީފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، އެ ކުދިން އޮޔާ ދަމައިގެންފައި ވަނީ ކުއްލިއަކަށެވެ. ކުއްލިއަކަށް ރާޅު ބޮޑުވެ، އޮއި ގަދަވި ވަގުތު ފައުޒާން މޫދަށް ފުންމާލީ އޮޔާ ދަމައިގަތް އަންހެން ކުއްޖާ ސަލާމަތް ކުރުމަށެވެ. އަންހެން ކުއްޖާ ސަލާމަތް ކޮށް، ފަރު މައްޗަށް އެރުވުމަށްފަހު ފައުޒާން ގެއްލުނެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ގަޑިއެއްހާއިރު ފަހުން މޫދު އަޑިންނެވެ.

ފައުޒާން ފެނުނީ އޭނާ މޫދަށް ފުންމާލި ދިމާ މޫދު އަޑީގައި ފަރުގައި ތާށިވެފައި އޮއްވައެވެ. އޭނާ މޫދުން ނަގައިގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ސަލާމަތް ކުރުމަށް ސީޕީއާރް ދެމުން ދިޔަ ކަމަށް ވެސް އެ ސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދެއެވެ. ޑޮކްޓަރުން މިހާރު ވަނީ ފައުޒާންގެ މަރު ކަށަވަރު ކޮށްދީފައެވެ.