އިންޑޮނޭޝިއާގައި ގާއިމުވެގެން އޮޕަރޭޓް ކުރަމުން އަންނަ ސްރީވިޖަޔާ އެއާގެ ފްލައިޓެއް، ވެރިރަށް ޖަކާޓާއިން، 60 އަށް ވުރެ ގިނަ މީހުންނާއެކު އުދުއްސާލިތާ މާ ގިނަ އިރުތަކެއް ނުވެ، ވީ ނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

56 ފަސެންޖަރުންނާއި ކުރޫއިންނާއެކު 60 އަށް ވުރެ ގިނަ މީހުންނާއެކު މި ފްލައިޓް ދަތުރު ކުރަމުން ދިޔައީ އިންޑޮނޭޝިއާއެކު އަދި އިތުރު 2 ގައުމަކުން ހިއްސާކުރާ ބޯނިއޯ އައިލަންޑްސްއަށް ކަމަށް، އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ތަރުޖަމާނު، އަދީތާ އިރަވާތީ ވިދާޅުވިއެވެ.

އިރަވާތީ ވިދާޅުވީ ސްރީވިޖަޔާ އެއާގެ ފްލައިޓާ އެންމެ ފަހުން ގުޅިފައި ވަނީ ޖީއެމްޓީ ގަޑިން 07:40 (އިންޑޮނޭޝިއާ ގަޑިން މެންދުރުން އަނބުރާ 02:40) ހާއިރު ކަމަށެވެ.

ބޯޓުން ދަތުރު ކުރަމުންދިޔަ 56 ފަސެންޖަރުންގެ ތެރޭގައި 7 ކުޑަކުދިންވެސް ހިމެނެއެވެ.

ފްލައިޓް ރާސްތާ ބެލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފްލައިޓްރޭޑާ24 އިން ބުނީ، ސްރީވިޖަޔާ އެއާގެ ފްލައިޓް އެސްޖޭ182، ޖަކާޓާއިން އުދުއްސާލިތާ 4 ވަރަކަށް މިނެޓް ފަހުން، 1 މިނެޓް އިތުރު ތެރޭގައި 10000 ފޫޓު ތިރިއަށް ވެއްޓުނު ކަމަށެވެ.

ބޯޓުގެ ރަޖިސްޓްރީއަށް ބަލާއިރު، ބޮއިންގް 737-500 މަރުކާގެ މި ބޯޓަކީ 27 އަހަރު ވެފައިވާ ބޯޓެކެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ ސްރީވިޖަޔާ އެއާއިން ބުނީ، ބަޔާނެއް އާންމު ކުރުމުގެ ކުރިން، މި ހާދިސާއާ ބެހޭ އިތުރު މައުލޫމާތު އެއް ކުރަމުން އަންނަ ކަމަށެވެ.