އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ގަތަރާއެކު ހިއްސާކުރާ ބޯޑަރުތައް މިއަދުން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ.

އަރަބި ގަލްފުގެ ގައުމުތަކުގެ މެދުގައި 3 އަހަރެއްހާ ދުވަހަށް ދިގުލާ ދިޔަ ނުތަނަވަސް ކަމަށް ނިމުން ގެނުވުމުގެ ސިލްސިލާ ހަރަކާތްތަކެއް ކުރިއަށް ދާ މިދަނޑިވަޅުގައި ޔޫއޭއީއިން ވަނީ އެއްގަމާއި، ކަނޑާއި، ވައިގެ މަގުންވެސް ގަތަރަށް ބޯޑަރު ހުޅުވާލާނެ ކަން ހާމަ ކޮށްފައެވެ.

2017 ވަނަ އަހަރުގެ ހަމަނުޖެހުންތަކަށް ފަހު އަރަބި ގަލްފުގެ ގައުމުތަކުން ގަތަރާ އެއް ގަލަކަށް އަރާ، ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، ހުސްވި ހަފުތާގައި ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ބައްދަލުވުމުގައެވެ. އަންގާރަ ދުވަހުގެ އެއްބަސްވުމާއެކު، ސައުދީ ، ބަހްރައިން، މިސްރު އަދި ޔޫއެއީއިން ދަނީ ގަތަރާ ދެކޮޅަށް ބޯޑަރު ސަރަހައްދުގައި ތަންފީޒު ކުރާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދޫ ދެމުންނެވެ.

އަރަބި ގަލްފުގެ ގައުމުތަކުގެ އިސް ލީޑަރުންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: އަރަބް ބިޒްނަސް ނިއުސް

ނިމިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާއިންވެސް އެ ގައުމުގެ ބޯޑަރުތައް ގަތަރަށް ހުޅުވާލާފައެވެ.

އެކުވެރި އަރަބި އިމާރާޓުގެ ހާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރު އަންވަރު ގަރުގާޝް ވިދާޅުވީ، ބޯޑަރުތައް ހުޅުވާލުމާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، ބައެއް މައްސަލަތަކަށް ހައްލު ލިބުން ދިގުލާ ދިއުން އެކަށީގެންވާކަމަށް ވެސް ގަރުގާޝް ވަނީ އިޝާރާތް ކުރައްވާފައެވެ. މިއީ ރަނގަޅު ފެށުމެއް ނަމަވެސް، އިތުބާރު ހޯދުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ގަރުގާޝް ވަނީ ވިދާޅުވެފައެވެ.

އަރަބި ގަލްފުގެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ފަންޑުކުރާ ކަމުގެ ކުށުގެ ތުހުމަތުގައެވެ. އަދި އަރަބި ގަލްފު ގައުމުތަކުގެ އާންމު އަދުއްވުގެ ގޮތުގައި އޮތް އީރާނަށް ގަތަރުން އެއްބާރުލުން ދެމުން ދާކަމަށް ބުނެއެވެ.

ސައުދީ އަރަބިއްޔާއާއި ގަތަރު ހިއްސާ ކުރާ އަބޫ ސަމްރާ އޭ ކިއުނު ބޯޑަރު ސަރަހައްދު / ފޮޓޯ: އަލްޖަޒީރާ

އަރަބި ގަލްފުގެ ގައުމުތަކުން ފެންމަތި ކުރާ ތުހުމަތުތަކަށް ގަތަރުން އިންކާރު ކުރެއެވެ. އަދި އީރާނާއި، ތުރުކީވިލާތާއެކު ދަމަހައްޓާ ގުޅުމަށް ހީނަރު ބަދަލެއް ނުގެންނާނެ ކަމަށް ގަތަރުގެ ހާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަހުމާން އަލް-ސާނީ ވަނީ ވިދާޅުވެފައެވެ.

މިއީ މީގެ 4 އަހަރެއްހާ ދުވަސް ކުރިން ފެށުނު އަރަބި ގަލްފު ކާރިސާގެ އެންމެ ހައްސާސީ އެއް މައްސަލައެވެ. ޔޫއޭއީގެ ހާރިޖިއްޔާއިން ސިފަކުރާ ގޮތުގައި މި 2 ގައުމަކީ އަރަބި ގައުމުތަކުގެ އިސްތިގުލާލާ މަސްލަހަތަށް އޮތް ނުރައްކަލެކެވެ.

ޖީސީސީއަށް ނިސްބަތްވާ އޮމާންއާއި ކުވައިތުން، ގަތަރާއެކު އޮތް ގުޅުން ކަނޑާލާފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ކުވައިތުން ވަނީ ގަލްފު ގައުމުތައް ސުލްހަ ކުރުމުގައި އެމެރިކާއާއެކު އިސް ދައުރެއް އަދާކޮށްފައެވެ.

ގަތަރާއި (ވ) ސައުދީގެ ލީޑަރުން ވައިގެ ބަނދަރުގައި މިއަދު ބައްދަލު ކުރައްވަނީ / ފޮޓޯ: ފްރާންސް24

ޖީސީސީގެ އެއްބަސްވުންތަކާއެކު ދިވެހިރާއްޖެއިންވެސް ވަނީ ގަތަރާއެކު އަލުން ގުޅުންތައް ބަދަހި ކުރަން ނިންމާފައެވެ. ރާއްޖެ އިން ގަތަރާ އެކު ހާރިޖީ ގުޅުން ގާއިމުކުރަން ނިންމާފައިވާ ކަން އިއުލާނު ކުރެއްވީ ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ގަތަރާއެކު ގާއިމުކުރީ މެއި 26، 1984 ގައެވެ. އަދި ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެއީ ސައޫދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން ކަމުގައި ވީ ނަމަވެސް، ދިވެހި ސަރުކާރުން އޭރު ބުނެފައި ވަނީ ގަތަރާއެކު ގުޅުން ކަނޑާލީ، ރާއްޖޭގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.