އިއްޔެ ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅު ޕީޕީއެމް ސަޕޯޓަރުން އެއްވެ ކުރި އިހުތީޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށް ލުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެމަނިކުފާނު ދެކިލުމަށް ދިޔަ ބައެއް ސަޕޯޓަރުން، ފުލުހުން ވަރަށް އަނިޔާވެރި ކަމާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އާއި، ޕީޕީއެމްގެ ކައުންސިލް މެމްބަރު އާމިނަތު ފަޒްލާގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ކަމަށްވާ ހާލިދު އުސްމާން، ހަދީޖާ ހުސެއިން އަދި އަބްދުﷲ ސަލީމް، މިހާރުން މިހާރަށް ދޫކޮށް ލުމަށް ވަނީ ގޮވާލާފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ ރައީސް ޔާމީންގެ ސަޕޯޓަރުން އެސަރަހައްދުގައި ސުލްހަވެރިކަމާއެކު ފުލުހުންގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރަމުން ދަނިކޮށް އެތަން ހަލަ ބޮލިވެގެން ދިޔައީ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ފުލުހުން އަމަލު ކުރުމުން ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެގޮތުން ފުލުހުންގެ ގާނޫނީ ޒިއްމާ އަދާކުރުމުގައި ސަރުކާރުން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވެ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލަފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލްގެ 3 މެންބަރަކާއި 3 ސަޕޯޓަރުން ހިމެނޭހެން ޖުމްލަ 6 މީހުން އިހުތިޖާޖުން ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ކައުންސިލް މެންބަރު އަހުމަދު ނަރީޝް މިހާރު ދޫކޮށްލާފައި ވާއިރު، ދެން ތިބި 5 މީހުން ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ކުރި އިހުތިޖާޖުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލާފައެވެ. މި އިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކްރިމިނަލް ކޯޓްގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.