ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށާއިރު، ސްރީލަންކާއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް، އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ހާރިހީ ވަޒީރު އެސް ޖައިޝަންކަރު މިހެން ވިދާޅުވީ، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާ ބައްދަލު ކުރެއްވުމުގެ ތެރޭގައި ކަމަށް ސްރީލަންކާގެ ރައީސް އޮފީހާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު (ވ) ސްރީލަންކާއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ސްރީލަންކާގެ ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާއާއެކު / ފޮޓޯ: އެސް ޖައިޝަންކަރު | ޓްވިޓާ

ސްރީލަންކާގެ ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ، އިންޑިއާއިން ތަންފީޒު ކުރަމުން އަންނަ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ސަބަބުން، ސްރީލަންކާއަށް ބޮޑެތި ފައިދާތަކެއް ކުރަމުން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް ތާރީހު ދެކެފައި ނުވާ އިގުތިސޯދީ އަދި ސިއްހީ ކާރިސާއެއްގެ މި ދަނޑިވަޅުގައި ލިބޭ މަންފާ ބޮޑު ކަން، ގުނަވަރުދަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކުއްލި ހާލަތުގައި ބޭނުން ކުރުމަށް 2 ވެކްސިނަކަށް ރަސްމީ ރުހުން ދީފައެވެ. އެއީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނާއި، އިންޑިއާގެ ބާރަތު ބައޮޓެކް ކުންފުނިން ތަރައްގީކޮށް ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ އިންޑިއާގެ އަމިއްލަ ވެކްސިނެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު (ވ) ސްރީލަންކާއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއެކު / ފޮޓޯ: އެސް ޖައިޝަންކަރު | ޓްވިޓާ

އަސްޓްރާޒެނީކާއިން ވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ހާއްސަކޮށްގެން 1 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް އިންޑިއާއާ ހަވާލު ކޮށްފައެވެ. ނަމަވެސް، އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރަން ފަށަން އަދި މަސްތަކެއް ހޭދަވާނެ ކަމަށް އެސްއައިއައިގެ އިސްވެރިއަކު ވަނީ ހާމަ ކުރައްވާފައެވެ. މި ވާހަކަތަކަށް އިންޑިއާއިން ވަނީ ރައްދު ދީފައެވެ. އެގޮތުން 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ އަވަށްޓެރިންނަށް ވެކްސިން ފޯރުކޮށްދޭން ފަށާނެ ކަމުގެ އިޝާރާތެއް، އިންޑިއާގެ ހާރިޖިއްޔާގެ އޮފިޝަލަކު ވަނީ ބީބީސީއަށް ކުރައްވާފައެވެ.