ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާގެ އަމިއްލަ ފަސްގަނޑުގައި ތަރައްގީ ކުރި ވެކްސިން، އުމުރުން އެންމެ 2 އަހަރުގެ ކުދިންގެ ހަށިގަނޑުގައި ޓެސްޓު ކުރުމަށް ތައްޔާރު ވަމުން އަންނަ ކަން، އެ ވެކްސިން ތަރައްގީ ކުރި ބާރަތު ބައޮޓެކުން ހާމަކޮށްފިއެވެ.

އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށް ވާ "ކޮވެކްސިން"، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އިންޑިއާގެ ކަމާ ބެހޭ އެންމެ އިސް ފަރާތުން ހުއްދަ ދީފައި ވާއިރު، އެންމެ ހަގު ވެގެން، އުމުރުން 2 އަހަރުގެ ކުދިންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރުމަށް ބާރަތު ބައޮޓެކުން ފަށާނީ، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރީ ބޮޑީއިން އެކަމަށް އިޒުނަ ދިނުމުން ކަމަށް، ބާރަތު ބައޮޓެކުން ބުނެއެވެ.

ބާރަތު ބައޮޓެކުގެ ޗެއާމަން، ކްރިޝްނާ އެލާ ވިދާޅުވީ އުމުރުން 2 އަހަރާއި 15 އަހަރާ ދެމެދު ކުދިންގެ ހަށިގަނޑުގައި ކޮވެކްސިން ޓެސްޓު ކުރުމުގެ ހުއްދައަކަށް އެދި، ޑްރަގް ރެގިއުލޭޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެލާ ވިދާޅުވީ ބާރަތުގެ ވެކްސިނަކީ "އިންއެކްޓިވޭޓަޑް ވެކްސިނެއް" ކަމުން، މިއީ އެންމެ ތުއްތު ކުދިންނަށްވެސް އެންމެ ރައްކާތެރި ވެކްސިނަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮވެކްސިންއަކީ މިވަގުތު ކުލުނިކަލް ޓްރަޔަލްތަކުގެ 3 ވަނަ މަރުހަލާގައި އޮތް ވެކްސިނެއް ކަން ފާހަގަ ކުރަންޖެހެއެވެ. މި މަރުހަލާގައި، 12 އަހަރުން މަތީގެ ކުދިން ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިންއެކްޓިވޭޓަޑް ވެކްސިނަކީ، ހޫނު ނުވަތަ ކެމިކަލް ނުވަތަ މި ދެ ގޮތްވެސް ބޭނުންކޮށްގެން ވައިރަހުގެ ހަރަކާތްތެރިކަން ކަނޑުވާލާފައިވާ ވައިރަސް ބޭނުން ކޮށްގެން އުފައްދާ ވެކްސިނެވެ. މިއީ އެއްވެސް ދިރުމެއް އޭގައި ނުވާ، ނަކަލު ނުވާ ވެކްސިނެކެވެ. އަލަށް އުފަންވާ ތުއްތު ކުދިންނަށް ދޭ ޕޯލިއޯ ވެކްސިނަކީވެސް މިފަދަ ވެކްސިނެކެވެ.

އެލާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކޮވިޑް ވެކްސިން ވިއްކުމަށް ބާރަތު ބައޮޓެކުން ވިސްނާފައި ވާ ކަމަށެވެ.

މިވަގުތު ކޮވެކްސިންގެ 20 މިލިއަން ޑޯޒް އެބަހުރި ކަމަށާ، އަދިވެސް އެތައް ސަތޭކަ މިލިއަން ޑޯޒްއެއްގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން ލިބިފައި ވާކަމަށް ބާރަތު ބައޮޓެކުން ބުނެއެވެ.