ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކުރަނީ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ހިދުމަތްތެރިންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އާރްއާރްޓީއަކީ ހަމައެކަނި ސާމްޕަލް ނަގާ މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް ނޫނެވެ. އެއަށްވުރެ އާރްއާރްޓީގެ މަސައްކަތް ފުޅާވެފައި ބުރަ ބޮޑެވެ. ކޮވިޑްގެ ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ ވެސް، އާރްއާރްޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިޓީމުން މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ މަސައްކަތުގައެވެ. ނަމަވެސް މި ގޮތަށް އުޅެން އެމީހުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ޝަކުވާއަކަށް އޮތީ ކޮވިޑް-19ގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ ފްރޮންޓްލައިން އެލަވަންސް އަދިވެސް ޓީމުގައި މަސައްކަތް ކުރާ ބައެއް ސްޓާފުންނަށް ނުލިބުމުގެ ޝަކުވާއެވެ.

މީގެ ތެރެއިން ގިނަ ކުދިންނަކީ ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރުމަށް ރާއްޖޭން ބޭރުގައި ކިޔަވަން ގޮސް އުޅުމުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ ބޭނުން ރާއްޖެއަށް އިންތިހާ އަށް ޖެހިފައިވާ ވަގުތެއްގައި ރާއްޖެ އައި ކުދިންނެވެ.

އާރްއާރްޓީގެ މަސައްކަތް ކުރާ ސްޓާފެއް " ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އޭނާ އާރްއާރްޓީއާއި ގުޅުނީ މެއި މަހުގެ ތެރޭގައި ކަމަށެވެ. އަދި މިހާތަނަށް އަށް މަހުގެ އެލަވަންސް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެކަމުގެ ޝަކުވާ އާރްއާރްޓީގެ ހެޑަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް މިހާތަނަށް އެދެވޭ ޖަވާބެއް އައިސްފައި ނުވާ ކަމަށެވެ.

އެ ޓީމުގައި މަސައްކަތް ކުރާ އިތުރު ކުދިންތަކެއްގެ ޝަކުވާ އަކީ ވެސް މިއީ އެވެ. ބައެއް ކުދިން ޖޫން މަހު، އަނެއްބައި ކުދިން ޖުލައި މަހު އެ ޓީމާ ގުޅިނެ އިރު މިހާތަނަށް އެއްވެސް ވަރަކަށް އެލަވަންސް ނުލިބޭ ކަމަށް އެކުދިން ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިން ވަނީ މިހާރު އެތަނުގައި މަސައްކަތް ކުރުން ވެސް ހުއްޓާލާފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ވަނީ އާރްއާރްޓީގެ ހެޑް އަބްދުﷲ މާނިއު އާ ގުޅުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.

ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެެ ހަތްވަނަ ދުވަހުއެވެ.

ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާގޮތުން ދިމާވާ މީހުންނަށް އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 500 ރުފިޔާއެވެ. މިއީ ހައިރިސްކު ކެޓަގަރީއެވެ.

އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނާފައިވާއިރު އެފަދަ މީހުންނަށް ދޭން ކަނޑައެޅީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 2.8 ބިލިއަން ރުފިޔާ (2888.2 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ. އަދި އޭގެ ތެރެއިން 91 މިލިއަން އަކީ އެލަވަންސަށް ކުރި ހަރަދު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.