މާފަންނު މަދަރުސާތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރައްވައިފިއެވެ.

މި ވާހަކަ އާންމު ވުމާއެކު އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފައެވެ. އެ ޕޯސްޓުގައި ބުނީ، މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތު ތެރެއަށް ސާމްޕަލް ނަގާ އެތި ލާފައި ތަޅުވައި ގަތީމައި ތަދުވި ވަރުން އެ ކަފަ ބުރު ނެރުމަށް މޫނާ ކައިރީގައި އިން އެ ކުއްޖާގެ އަތް ދުރަށް ލެއްވި ކަމަށެވެ.

އަދި އެވަގުތު ރުޅި އިސްކުރައްވާ، އެހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބައިގެން ނުވާނެ ކަމަށް ވިދާޅުވެވުނު ކަމަށް އެ ޕޯސްޓުގައި ވެއެވެ. އަދި އެ ކުއްޖާގެ ނަން އެއްސެވުމުން، ކިޔަނީ ކޮން ނަމެއްތޯ ނުބުނި ކަމަށާއި، އެއަށް ވުރެ ބޮޑު ކަމެއް ނުހިނގާ ކަމަށް މެންބަރު އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ އޭނާ ކުރިން އައިޖީއެމްއެޗުން ވެސް ޕީސީއާރް ޓެސްޓެއް ހެއްދި ކަމަށާއި، އައިޖީއެމްއެޗުން އެކަން ކޮށްދިނީ ވަރަށް އޯގާތެރި ކަމާއެކު، އެއްވެސް ތަކުލީފެއް ނުވާ ގޮތަށް ކަމަށެވެ. އެހެން ކަމުން އެއަށް ވުރެ އޯގާތެރި ކޮށް ޕީސީއާރް ޓެސްޓަށް ސާމްޕަލް ނެގޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވަނީ، މި ހާދިސާ ހިނގި ތަނުގައި ކެމެރާ ހުރި ނަމަ، ކަން ހިނގައި ދިޔަ ގޮތް ސާފު ކުރުމަށް ކެމެރާއިން ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިކްރާމް ވަނީ މިހާތަނަށް އޭނާގެ މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރިކޯޑެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ހެކްތް ޕްރޮފެޝަނަލް ޔޫނިއަނުން ބުނީ، އާރްއާރްޓީގެ މެންބަރަކަށް ދިން ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ އަމަލަކީ، ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މި މައްސަލަ ބަލައި، ހައްގު އަދަބު ދިނުމަށް ވެސް އެ ޔޫނިއަނުން ގޮވާލާފައިވެއެވެ.

އެ ޔޫނިއަނުން ބުނީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ރޭ އެ ހާދިސާ އާ ގުޅިގެން ހެލްތު އިމަކެންސީ އޮޕަރޭޝަން ސެންތަރު (އެޗްއޯއީސީ) އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި ފުލުހުން ވަނީ މެންބަރު އިކްރާމްގެ ބަޔާންވެސް ނަގާފައެވެ.