ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައާ ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މެންބަރުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަންޖެހޭ ފަރާތްތަކެއް ކަމަށް ވީއިރު، އިކްރާމްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި އަންހެނަކަށް ހަމަލާދީ ހަޑި ހުތުރު ބަހުން މުއާމަލާތު ކުރުމަކީ އަންހެނުން ބާރުވެރިކުރުމާއި، އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ވެސް ހިލާފު ކަމެއް ކަމަށާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ މައްސަލަތައް މީގެކުރިން އޮއްބާލި ގޮތަށް އެ މައްސަލަ ވެސް އެމްޑީޕީގެ މެންބަރަކަށް ވުމުން އޮއްބާނުލައި އަންހެނުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮވިޑާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދަނީ ގައުމީ މަސައްކަތެއް ކަމަށާއި މަޖިލީހުގެ މެންބަރަކަށް ވުމަކީ އެ ފަރާތްތަކާ މެދު ދަށު ދަރަޖައިގެ އަމަލު ހިންގުމަށް ބާރު ލިބިގެންވާނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އަދި ރޭ އަނިޔާ ލިބުނު ފަރާތުން އެކަން ފުލުހުންނަށް ހުށަހަޅާފައިވުމުން އެ މައްސަލަ އިންސާފުވެރިކަމާއެކު ބަލައި، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ސޯޝަލް މީޑިއާ، އާއި ހަބަރު ތަކުގައި ފެތުރުނު ނަމަވެސް، މާފަންނު މަދަރުސާތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ މެންބަރު އިކްރާމް ވަނީ ދޮގު ކުރައްވައިފައެވެ.