އީޖާދީ ކުރިއެރުންތަކަށް ހުރަސް އަޅަނީ ޗައިނާގެ ރެގިއުލޭޓަރުންނާއި ދައުލަތުން ކޮންޓްރޯލް ކުރާ ބޭންކުތަކުން ކަމަށް ބުނެ ފާޅުގައި އަމާޒު ކުރި ފާޑުކިއުންތަކަކަށް ފަހު، ޗައިނާގެ މަޝްހޫރު ބިލިއަނަރު އަދި އަލީބާބާ ގުރޫޕުގެ ބާނީ، ޖެކް މާ އަށް ވީނުވީއެއް އެނގިފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ފާއިތުވީ 2 މަހެއްހާ ދުވަހުގެ ތެރޭގައި ޖެކް މާގެ އެއްވެސް ހިލަމެއް ވެފައި ނުވާއިރު، "އެފްރިކާޒް ބިޒްނަސް ހީރޯޒް"ގެ ނަމުގައި ކުރިއަށް ގެންދާ އޭނާގެ އަމިއްލަ ޝޯގެ ފިނާލޭ އެޕިސޯޑުންވެސް ޖެކް މާ ފެނިފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ޖެކް މާ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ ވިޔަފާރި ހާންދާނަށް ޗައިނާގެ އޮފިޝަލުންގެ ސަމާލުކަން ވަނީ އަމާޒުވެފައެވެ. އެ ކުންފުނިން ޕަބްލިކް ސެކްޓަރަށް ވަނުމަށް ހުށަހެޅި 37 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ޖެކް މާގެ އަމިއްލަ ޝޯގެ ފިނާލޭ އެޕިސޯޑުން އޭނާ ފެނިފައި ނުވުމަކީ، އޭނާގެ ސަލާމަތާ މެދު އިންތިހާއަށް ކަންބޮޑުވާން ޖެހޭ ސަބަބެއް ކަމަށް، ޗައިނާގެ ޒަމާންވީ އުދުއްވުގެ ގޮތުގައި އޮތް އިންޑިއާއިން ވަކާލާތު ކުރެއެވެ. ކަން މިހެން އޮތްއިރު، މި ޓެލެންޓް ޝޯގެ ވެބްސައިޓުން މާގެ ފޮޓޯވެސް މިހާރު ނަގާ ފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ.

މާ ގެއްލިއްޖެ ކަމަށް ބުނެ އިންޑިއާގެ މީޑިއާއިން ހަބަރު ފަތުރަމުންދާއިރު، އަލިބާބާ ގުރޫޕުގެ ތަރުޖަމާނު ވަނީ މި ހަބަރުތައް ދޮގު ކޮށްފައެވެ. މާ އަށް ވީނުވީއެއް ނޭނގި ގެއްލުނީ ނޫން ކަމަށާ، މައްސަލަ އުޅެނީ ޝެޑިއުލްތަކުގައި ކަމަށްވެސް ތަރުޖަމާނު ވަނީ ބުނެފައެވެ.