ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ ކުރިއަރާ، ތަރައްގީ ވެފައި އޮތް ކަމަށް ހީވި ގިނަ ގައުމުތަކެއްގެ ސިއްހީ ނިޒާމުގައި ހުރި ފޫނުބެދޭ އެތައް ކަންމެއް ފެންމަތި ކުރުވި ސިއްހީ ކާރިސާއެކެވެ. އެތައް ރޮނގަކުން ދުނިޔޭގައި އޮތް އެންމެ ނުފޫޒުގަދަ ގައުމު ކަމަށް ވަކާލާތު ކުރަމުން އަންނަ އެމެރިކާއަކީ، ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު މަންޒިލަށް ވެ، ކުޑަކަކޫ މައްޗަށް ތިރިކުރުވި ބަލިމަޑުކަމެކެވެ.

މި ބަލިމަޑުކަމުގައި، އެމެރިކާގެ ރަށްފުށުގެ ހިސާބުތަކަށް އުފުލަން ޖެހިފައިވާ ތަކުލީފު އިންތިހާއެވެ. މި ކަމަށް ތަސައްލީއެއް ހޯދާ ދިނުމަށް މައި ސަރުކާރަށްވެސް ކޮށް ނުދެވޭ ވަރުގެ ފުރިހަމަ ހިދުމަތެއް ކުރަމުން އަންނަ އެކަކީ މިޝިގަންއަށް ނިސްބަތްވާ ޑރ ރިޗާޑް ބޭޓްސްއެވެ.

އަހަރުގެ ފުރަތަމަ ހަފުތާވެސް އަދި ފާއިތުވު ނުވެ އުޅެނިކޮށް ޑރ ބޭޓްސް ވަނީ، ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކޮށްފައިވާ ކޮވިޑް-19ގެ ވެކްސިންތަކުގެ 130 ޑޯޒް ރައްކާ ކޮށްފައިވާ ކޫލަރެއް ހިފައިގެން އޭނާގެ އަމިއްލަ ކާރުގައި، ދިގު ދަތުރެއް ކޮށް، ރަށްފުށުގެ ހިސާބުތަކަށް ވެކްސިން ފޯރުކޮށްދީފައެވެ.

ރަށްފުށުގެ ދުރު ރާސްތާއަކަށް ވެކްސިން އުފުލާ ޑރ ރިޗާޑް ބޭޓްސް / ފޮޓޯ: އެމްއެސްއެންބީސީ ނިއުސް

މިޑްމިޝިގަން މެޑިކަލް ސެންޓަރުން ފެށި ދަތުރު އޭނާ ނިންމާލީ އަލްޕޭނާގެ ހޮސްޕިޓަލަކަށެވެ. އެ ސަރަހައްދަކީ ގާތްގަނޑަކަށް 10000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެވެ. 3 ގައިރެއްހާއިރު ކުރެވޭ މިދަތުރުގެ ރާސްތާއަކީ އެމެރިކާގައި ދަތުރު ކުރަން އޮންނަ އާންމު މަގުތަކާ ހިލާފަށް އެންމެ 2 ލޭނަށް އޮންނަ މަގެކެވެ.

މާބަނޑުގެ މީހުންގެ ޑޮކްޓަރެއް ކަމަށްވާ ޑރ ބޭޓްސްއަކީ މިޑްމިޝިގަން ހެލްތުގެ ރީޖަނަލް ވައިސް ޕްރެސިޑެންޓް އޮފް މެޑިކަލް އެފެއާޒްގެ މައްސޫލިއްޔަތުވެސް އަދާ ކުރާ ޑޮކްޓަރެކެވެ.

އަލްޕޭނާއަކީ ޑރ ބޭޓްސްގެ އުފަން ވަޒަނެވެ. އެ މަންޒިލަށް ވެކްސިން އުފުލައިދިނުމަކީ ޑރ ބޭޓްސް ސިފަކުރި ގޮތުގައި ކުއްޖަކު ވިއްސުން ފަދަ އުފާވެރި އިހުސާސެއް ކުރެވޭ ކަމެކެވެ.

"މުވައްޒަފުންނަށް ވެކްސިން ފޯރުކޮށްދެވުމަކީ އާދަޔާ ހިލާފު އިހުސާސެއް ކުރުވާ ކަމެއް. ހީވަނީ، އަލަށް އުފަންވާ ތުއްތު ކުއްޖަކު އޭނާގެ މައިންބަފައިންގެ އަތްމައްޗަށް ދޫކޮށްލާ ހެން. އެތައް މަހެއް ވަންދެން އެ ކުއްޖަކާ މެދު ފޮނި އުއްމީދުތަކެއް ކޮށްގެން ތިބި މައިންބަފައިން އަތަށް އެ ދަރިފުޅު ދިއްކޮށްލާ ވަގުތު ކުރެވޭ ފަދަ އިހުސާސެއް ކުރެވެނީ" ޑރ ބޭޓްސް، އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

"އުފަލުން ފެންކަޅިވެފައި ތިބި މުވައްޒަފުން ވެކްސިނާ ހަވާލު މަންޒަރާއި، އެ މަންޒަރުތައް އާއިލާތަކާ ހިއްސާކުރާ މަންޒަރަކީވެސް ފުން އަސަރުތަކެއް ކުރުވާ މަންޒަރތަކެއް" ޑރ ބޭޓްސް އިތުރަށް ބުނެލިއެވެ.

ފައިޒާގެ ވެކްސިން އުފުލުމަކީ އާދައިގެ ފޮށިގަނޑެއް އުފުލުން ހާ ފަސޭހަ ކަމެއް ނޫނެވެ. މިއީ ހާއްސަ ތަމްރީނުތަކެއްވެސް ބޭނުންވާ ކަމެކެވެ. އެކަމާ ބެހޭ ފަންނީ މައުލޫމާތު ވެސް ބޭނުންވެއެވެ.

ނޭވާލާ ނިޒާމުގެ މައްސަލަތަކެއްގައި ޕެނަމާ ސިޓީގެ ހޮސްޕިޓަލަށް އައި ޕޭޝަންޓެއް އެނދެއްގައި ގެންދަނީ / ފޮޓޯ: އޭއެފްޕީ

ފައިޒާގެ ވެކްސިނަކީ އިންތިހާ ފިނިމިނުގައި (މައިނަސް 75 ޑިގްރީ ސެލްސިއަސް)ގައި ނޫނީ ނުއުފުލޭ ވެކްސިނެކެވެ. މި ވެކްސިން ރައްކާ ކޮށްފައި ބެހެއްޓެނީވެސް 5 ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން އެމެރިކާގެ ސިއްހީ އޮފިޝަލުން ވަނީ މިކަމަށް އިންތިހާއަށް ތައްޔާރު ވެފައެވެ. ނަމަވެސް، މައި ސަރުކާރުގެ މަޝްރޫއުން ކަނޑައެޅި އަމާޒާ ގާތަށްވެސް ވެކްސިން ފޯރުކޮށްދެމުން ނުދާ ކަމުގެ ޝަކުވާގެ އަޑު ދަނީ ގަދަވަމުންނެވެ.

މި ކަމުގައި ޑރ ބޭޓްސްފަދަ ސިއްހީ ހިދުމަތްތެރިން ދައްކަމުން އަނަނީ ވަރުގަދަ ނަމޫނާއެކެވެ. މި ފަދަ ގިނަ ދަތުރުތަކެއް މިހާތަނަށް ކޮށްފައިވާ ޑރ ބޭޓްސް ވަނީ، ރަށްފުށުގެ ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިތުރު ދަތުރުތަކެއްވެސް ތާވަލު ކޮށްފައެވެ.