ބައެއް މީހުންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން، ކޮރޯނާވައިރަސް ފަދަ ތަފާތު ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ވާ ބާރު ކުޑަކޮށްލާ ކަމަށާ، މިއީ ދުރުވާން ޖެހޭ އާދައެއް ކަމަށް ސްރީލަންކާގެ ޕްރޮފެސަރަކު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޔުނިވާސިޓީ އޮފް ސްރީ ޖާޔާވަރުދަނާޕޫރާގެ ފެކަލްޓީ އޮފް މެޑިކަލް ސައެންސަސްގެ ޑިޕާޓްމަންޓް އޮފް މައިކްރޮބައޮލިޖީ ޕްރޮފެސާ ނީލިޖާ މަލަވިގެ ވިދާޅުވީ، ފުރިހަމަ ގޮތުގައި ދިފާއީ ނިޒާމުގެ މަސައްކަތްތައް ހިނގިޔަ ދިނުމަށްޓަކައި، ފާސްޓުފުޑް ނުވަތަ ތައްޔާރީ ކާނާގެ ބާވާތްތަކާ ދުރުވާން ޖެހޭ ކަމަށެވެ. އެގޮތުން، ކޮއްތު ރޮއްޓާއި، ފްރައިޑް ރައިސް އަދި އެކި ޒާތްޒާތުގެ ހެދިކާތައް ކެއުމުގެ އާދަ ދޫކޮށްލުމަށް އޭނާ ވަނީ ލަންކާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ކެފޭ/ރެސްޓޯރަންޓް ބަންދުކޮށްފަ/ފޮޓޯ: އިކޮނޮމިކް ޓައިމްސް

ތައްޔާރީ ކާނާގެ ބަދަލުގައި މޭވާއާއި ތަރުކާރީ ބޭނުން ކުރާ މިންވަރު އިތުރުކޮށް، ގަވައިދުން ކަސްރަތު ކުރުމަށާ، ހަށިގަނޑަކަށް ވިޓަމިން-ޑީގެ މާއްދާ މަދު ނުވާނެ ކަން ކަށަވަރު ކުރުމަށްވެސް ޕްރޮފެސާ ނީލިކާ ވަނީ ގޮވާލައްވާފައެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރެމުން މި ދަނޑިވަޅުގައި ފައިދާ ހުރި ކާނާ ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އިރުޝާދު ދެއެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކުލެވޭ ބެލެންސްޑްސް ޑައެޓެއް ގެންގުޅޭ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަކަމަށާ، ދާއިމީ ބަލިތަކާއި ތަފާތު އެކި ކަހަލަ އިންފެކްޝަންތަކުން ޖެހޭ ބަލިތަކާވެސް މިފަދަ މީހުން ދުރު ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

ތައްޔާރީ ކާނާއާ ދުރުވުމަށް ޑަބްލިއުއެޗްއޯއިންވެސް އިރުޝާދު ދެއެވެ. އެގޮތުން، ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތާޒާ ބާވަތްތައް ހިމެނުން ބުއްދިވެރިއެވެ. ހަމަ މިފަދައިން ގަވައިދުން ފެން ބޮއި، ރަނގަޅަށް ހައިޑްރޭޓް ވެގެން ހުރުންވެސް މުހިންމެވެ. ހައިޑްރޭޓް ވުމަށް އެންމެ ރަނގަޅު އިހުތިޔާރަކީ ސާފު ބޯފެނެވެ. ނަމަވެސް، ތާޒާ މޭވާއާއި ތަރުކާރީއިން ތައްޔާރު ކުރާ، ހަކުރު ނާޅާ ބުއިންތައްވެސް ބޭނުން ކުރެވިދާނެއެވެ.

ކޮވިޑް-19އަކީ ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ބައްޔަކަށް ވާއިރު، ގެއިން ބޭރުގައި ކައިބޮއި ހެދުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫން ކަން ސިއްހީ މާހިރުން ފާހަގަ ކުރައްވައެވެ. މި ބަލިމަޑުކަމުގައި، ދެ މީހެއްގެ މެދުގައި އެންމެ މަދުވެގެން 1 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭއިރު، ކެފޭއާއި ރެސްޓޯރަންޓުތަކުގައި މިކަން ކުރުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ.