ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ)ގެ ލަފާ ލިބިފައިވުމުން އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ އިދާރާތަކުން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން 4 މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، 2024 ވަނަ އަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ރާއްޖޭގައި ވޭޕް މަނާކުރުމުން އޭރު އެ ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލާފައި ކަމަށެވެ.

"ސަރުކާރުން އޭރު ނެގި އުނދަގޫ ޑިޒިޝަނެއް އެއީ 8ރ. އަށް [ސިނގިރޭޓުގެ] ޑިއުޓީ ރޭޓު ބޮޑުކުރުމަކީ" އިހުސާން ވިދާޅުވިއެވެ.

ދުންފަތުގެ ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެންނަނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެންކަން ފާހަގަކޮށް އިހުސާން ވިދާޅުވީ، ޑަބްލިއުއެޗުއޯއިން ދާދިފަހުން ހެދި ދިރާސާއަކުން 2026 ވަނަ އަހަރަށް ޑިއުޓީ ރޭޓުކޮށްފައި ވަނީ 4ރ. ގެ ގޮތުގައި ކަމަށެވެ. އަދި މިއީ ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުންވެސް އެއްބަސްވާ ރޭޓެއްކަން ފާހަގަކޮށް މިނިސްޓަރު ވަނީ ޑިއުޓީ ރޭޓަށް ބަދަލު ގެނެއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޑިއުޓީ ރޭޓަށް ބަދަލު ގެންނާނީ ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މަޝްވަރާތަކަށް ފަހު، ރޭޓަށް ބަދަލު ގެންނަން ޖެހޭ ކަމަށް އެންމެން އެއްބަސްވާނަމަ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެ ލަފާ ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު، 2024 ގަ އެވެ. އެފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.