ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްއާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކަށް ނުކުރެވޭ ދަރަޖައަކަށް އިންޑިއާގެ ދިރާސާތައް ފުޅާ ކޮށްފައި ވާ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ ޑިޕާޓްމަންޓް އޮފް ހެލްތު ރިސާޗުން ބުނީ، އިނގިރޭސިވިލާތުން އިންޑިއާއަށް އެތެރެވި ފަސެންޖަރުންގެ ތެރެއިން މި ވޭރިއަންޓަށް ޕޮޒިޓިވްވި މީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް އެކަހެރިކޮށް، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ކަލްޗާ ކުރަމުން އަންނަ ކަމަށެވެ.
މި ވޭރިއަންޓް އައިސޮލޭޓްކޮށް ކާމިޔާބު ކަމާއެކު ކަލްޗާ ހަދަމުން އަންނަ ކަން އެއްވެސް ގައުމަކުން އަދި ރިޕޯޓް ކޮށްފައި ނުވާ ކަމަށްވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ސިއްހީ ދިރާސާތަކާ ބެހޭ ޔުނިޓުން ހަބަރު ދެއެވެ.
ކަން މިހެން އޮތް އިރު، އިންޑިއާއަކީ ކޮވިޑް-19އާ ދެކޮޅަށް 4 ވެކްސިނެއް ތައްޔާރު ކުރަމުން އަންނަ ހަމައެކަނި ގައުމު ކަންވެސް ފާހަގަ ކުރަންޖެހެއެވެ. ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ އޮކްސްފޯޑާއި އަސްޓްރާޒެނީކާގެ "ކޮވިޝީލްޑް" ވެކްސިނަށް، އިންޑިއާގެ ތަޖުރިބާކާރުންގެ ޕެނަލުން ވަނީ ރުހުންވެސް ދީފައެވެ. ނަމަވެސް އާންމު އުސޫލުން ވެކްސިން ދިނުމަށް ރެގިއުލޭޓަރުގެ ރުހުން ބޭނުން ވާއިރު އެ ކަމުގައި ނިންމި ގޮތެއް އަދި ސާފެއް ނުވެއެވެ.