ރާއްޖެ އައުމަށް ފުރަން ގޮސް ތިބި ދިވެހިންތަކެއް ނުފުރި މެލޭޝިއާގައި މަޑުކުރަން ޖެހިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑުކުރަން ޖެހުނު މީހުންގެ ތެރޭގައި ބ. އަތޮޅުގެ ކުރީގެ މެމްބަރު އިބްރާހިމް އަފީފް އާއި އާއިލާ ތިން މެންބަރުން ހިމެނެއެވެ.
އާންމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެ އަންނަން އެއާޕޯޓަށް ދިޔަ ދިވެހިންތަކެއް ނުފުރި އެ ގައުމުގައި މަޑުކުރަން ޖެހުނީ އިމިގްރޭޝަނުން ހޯދަން ޖެހޭ ލިޔެކިޔުންތަކެއް ނެތުމުން ކަމަށެވެ. އެ މީހުންނަށް ނުފުރި މަޑުކުރަން ޖެހުނީ ސްޕެޝަލް ވިސާއެއް ނެތިގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މެލޭޝިއާގެ ކޮލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިއްޔެ ނެރުނު އިއުލާނުގައި އެ ފަދަ ވިސާއެއް މި މަހުގެ 14 އާ ހަމައަށް ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިއްޔެ ނެރުނު އިއުލާން ބާތިލް ކޮށް އާ އިއުލާނެއް ނެރެފައި ކަމަށެވެ. އަދި މިހާރު ހައިކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވާ ގޮތަށް މެލޭޝިއާގައި ތިބި ދިވެހިން އަމަލު ކުރުމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން މިހާރު ނެރެފައިވާ އިއުލާނުގައި ބުނާ ގޮތުގައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާގެ ސަރުކާރުން ނެރެފައިވާ "މޫވްމަންޓް ކޮންޓްރޯލް އޯޑާ" ގެ ދަށުން ވިސާގެ ކަންކަމުގައި ދެވިފައިވާ ލުއިތަކުގެ މުދަތު ހަމަވެފައި ވާތީ އާންމު އުސޫލަށް ކަންކަން ބަދަލުވެފައި ވާ ކަމަށް ވެއެވެ. އެހެންކަމުން ވިސާގެ މުއްދަތު ހަމަވެފައިވާ ފަރާތްތައް ލަސްނުކޮށް ވިސާގެ ކަންކަން ހަމަޖެއްސުމަށް ހައިކޮމިޝަނުން ބުނެއެވެ.
ހައިކޮމިޝަނުން އިއްޔެ ނެރުނު އިއުލާނު ބާތިލް ކޮށްފައި ވާއިރު އެ އިއުލާނުގައި ބުނެފައި ވަނީ، "ސޯޝަލް ވިޒިޓް ޕާސް" ގައި ޓޫރިސްޓުންގެ ގޮތުގައި މެލޭޝިޔާއަށް އެތެރެވުމަށް ފަހު ފުރައިގެން އެނބުރި އަމިއްލަ ގައުމަށް ނުދެވުމުގެ ސަބަބުން "އޯވަ ސްޓޭ" ވެފައިވާ ފަރާތްތައް އިތުރު "ސްޕެޝަލް ޕާސް" އަކާ ނުލައި މި މަހުގެ 14 ގެ ކުރިން ފުރައިގެން ދެވޭނެ ކަމަށެވެ. އަދި ފުރައިގެން ނުދާ ނަމަ މަޑުކުރަން ވާނީ ސައްހަ ވިސާއަކާ އެކުގައި ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާގެ ސަރުކާރުން ނެރެފައިވާ "މޫވްމަންޓް ކޮންޓްރޯލް އޯޑާ" ގެ ދަށުން ވިސާގެ ކަންކަމުގައި ދެވިފައިވާ ބައެއް ލުއިތައް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވެފައެވެ.