ޗައިނާގެ ކަނޑުގެ ސަރަހައްދުގައި އޮތް 2 ބޯޓެއްގައި ތާށިވެފައި ވާ އިންޑިއާގެ ފަޅުވެރިންގެ މައްސަލައަށް އަވަސް ހައްލެއް ހޯދާ ދިނުމަށް އިންޑިއާގެ ހާރިޖީ ވުޒާރާއިން ގޮވާލައިފިއެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިން މިކަމަށް ގޮވާލީ، އެމްވީ ޖަގް އާނަންދްއާއި އެމްވީ އެނެސްތޭޒިއާގައި ހިފަހައްޓާފައިވާ އިންޑިއާގެ 39 ފަޅުވެރިންގެ މައްސަލަ ގޮސްފައި ވާ ހިސާބެއް ބެލުމަށް މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދާރީ ވަމުންނެވެ.

އިންޑިއާ ހާރިޖިއްޔާގެ ތަރުޖަމާނު ޝްރީ އަނޫރާގު ސްރިވާސްތަވާ ވިދާޅުވީ، ޗައިނާގެ ހީބޭއި ޕްރޮވިންސްގެ ބަނދަރު ސަރަހައްދުގައި ޖޫން 13، 2020 ވަނަ ދުވަހުން ފަށައިގެން ގްރޭޓް އީސްޓަން ޝިޕިންގް ކުންފުނީގެ އެމްވީ ޖަގް އާނަންދު، އިންޑިއާގެ 23 ފަޅުވެރިންނާއެކު ތާށިވެފައި ވާ ކަމަށާ، ކައޮފެއިޑިއާން ބަނދަރުގައި އިންޑިއާގެ 16 ފަޅުވެރިންނާއެކު އެމްވީ އެނެސްތޭޒިއާ، ސެޕްޓެމްބަރު 20، 2020 ވަނަ ދުވަހުން ފަށައިގެން ތާށިވެފައި ވާ ކަމަށެވެ.

އަދާ ޖެހުނު އިރު ބޯޓުން މުދާ ބޭލުމުގެ ހުއްދަވެސް އެ ދެ ބޯޓަށް ދީފައި ނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. މިއާއެކު ބޯޓުތަކުގެ ތެރޭގައި ތިބި ފަޅުވެރިންގެ މެދުގައި ނުތަނަވަސްކަން އިތުރު ވަމުން އަންނަ ކަންވެސް ހާރިޖިއްޔާގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ.

ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ތާށިވެފައިވާ އިންޑިއާގެ ކުރޫއެއް / ފޮޓޯ: މުމްބާއީމިރާ

އެހެން ގައުމުތަކުގެ ބޯޓުފަހަރުތަކުންވެސް މުދާ ނުބޭލި، ބަނދަރުގައި ތާށިވެފައި ވާ ކަން އެނގިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ބޯޓުފަހަރުގައި ތިބި އިންޑިއާގެ ކުރޫއިންގެ ޝިފްޓް ބަދަލު ކުރުމުގެ ފުރުސަތަކަށްވެސް އެދި، އަދި ކާމިޔާބު ވެފައި ނުވާ ކަން އިންޑިއާގެ ހާރިޖިއްޔާއިން ފާހަގަ ކުރެއެވެ. މިކަމަށް ހައްލެއް ހޯދުމަށް، ޗައިނާގައި ހުންނަ އިންޑިއާގެ އެމްބަސީއިން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ، ޗައިނާގެ ހާރިޖީ ވަޒީރުގެ ނައިބާ ހިސާބަށް މައްސަލަ ގެންގޮސްފައި ވާކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާއިން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރަމުން ބަޔާންކޮށްފައިވެއެވެ.

ފަޅުވެރިން ބަދަލު ކުރުމުގެ ފުރުސަތު ދެވެން ނެތީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ތަންފީޒު ކުރަމުން އަންނަ އުސޫލުތަކެއްގެ ސަބަބުން ކަމަށް ބުނެ، އެހެން ބަނދަރެއްގައި ކުރޫ ބަދަލު ކުރުމަށް ޗައިނާއިން އަންގާފައި ވާކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ބުނެއެވެ. އަދި މި ކަން މިގޮތަށް ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ޝިޕިންގް ކުންފުނިތަކަށް އަންގާފައި ވާނެ ކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާއިން ބުނެއެވެ.

މިކަމުގައި ޗައިނާއިން އެހީ ފޯރުކޮށްދޭނެ ކަމުގެ އިޝާރާތެއް ކޮށްފައި ވާ ކަމަށާ، ވީ އެންމެ އަވަހަކަށް މިމައްސަލައަށް ހައްލެއް ލިބުމަށް އުއްމީދު ކުރާ ކަމަށްވެސް އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.

މި 2 ބޯޓަކީވެސް ޗައިނާއަށް ބޯޓުދެލި ބަރުކޮށްގެން އެތެރެވި 2 ބޯޓެވެ. ޗައިނާއިން މި ބޯޓުތައް ތާށިކޮށްފައި ވަނީ، ޗައިނާއާއި އޮސްޓްރޭލިއާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަގަނޑުގެ ސަބަބުން ކަމަށްވެސް ބުނެވެއެވެ. ޗައިނާގެ ކަނޑުގެ ސަރަހައްދުގައި ތާށިވެފައިވާ އިންޑިއާގެ ފަޅުވެރިންގެ ސިއްހީ ހާލަތާ މެދު އެމީހުންގެ އާއިލާތަކުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީއާ ހިއްސާބަށްވެސް އާއިލާތަކުން ވަނީ މިމައްސަލަ ގެންގޮސްފައެވެ.