އިންޑީއާއިން ރާއްޖެއަށް ބީސީޖީ ވެކްސިން ދީފައި ވަނީ އަނބުރާ ދޭގޮތަށް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރަުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމަށް ދިމާވެފައިވާ ބީސީޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށްޓަކައި، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ ސަރުކާރުން ވަނީ ބީސީޖީ ވެކްސިންގެ 2400 ވައިލް ފޮނުވާފައެވެ.

އިންޑީއާއިން ބީސީޖީ ވެކްސިން ދިނީ އަނބުރާ ދޭގޮތަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރު އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވަނީ އިންޑީއާއިން ބީސީޖީ ވެކްސިން ދިނީ އަނބުރާ ދޭގޮތަށް ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ޑރ. ނަޒްލާ ދެއްވާފައެއް ނުވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިޔާއިން ދިވެހިރާއްޖެއަށް ދީފައި ވާ 2400 ވައިލްގެ ވެކްސިނަކީ ކޮންމެ ވައިލެއްގައި 10 ޑޯސް އެކުލެވޭ ވެކްސިނެއް ކަމަށް ވިދާޅުވެފައެވެ.

ބީސީޖީ ވެކްސިން އަކީ ޓީބީ ބަލިން ދިފާއު ވުމަށްޓަކައި ތުއްތު ކުދިންނަށް ދޭ ވެކްސިނެކެވެ. ވެކްސިންގެ މި ޝިޕްމަންޓް ހޯދާ، ޑިސްޕެޗް ކޮށްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން އަދި މުމްބާއިގައި ހުންނަވާ ރާއްޖޭގެ އޮނޮރަރީ ކޮންސުލް ގުޅިގެންނެވެ.

މިކަން ކޯޑިނޭޓް ކޮށްފައި ވަނީ އިންޑިއާގެ ފަރާތުން އެ ގައުމުގެ ހެލްތް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީންނެވެ.